Last Updated: March 29, 18:55
Friday, March 29, 2024
ރިޕޯޓް

މަގުމަތީގެ ރައްކާތެރި ކަމަށް ފަރުދީ ޒިންމާ އިސްކުރަމާ!

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ ދިވެހި ފުލުހުންގެ ޚިދުމަތުން އިސްކަމެއް ދީގެން ކުރަމުންދާ ގެންދާ މަސައްކަތެކެވެ. މިގޮތުން ފުލުހުންގެ ސްޓްރެޓީޖިކް ޕްލޭންގައި ވެސް މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ލަނޑުދަނޑި ކަނޑައަަޅައި، އެކަމަށް މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ.

މަގުމަތީގައި ހިނގާ އެކްސިޑެންޓްތައް މަދުކުރުމަށާއި މަގުމައްޗަކީ މަގު ބޭނުންކުރާ އެންމެންނަށް ވެސް ރައްކާތެރި ތަނަކަށް ހެދުމަށް ކުރާ މަސައްކަތުގެ ތެރެއިން ސިލްސިލާކޮށް އެކި ޕްރޮގްރާމްތައް ހިންގައި، ރައްޔިތުން ހޭލުންތެރިކުރުވައި، ގާނޫނާއި ގަވާއިދުތަކަށް އަހުލުވެރިކުރުމުގެ މަސައްކަތްތަކެއް ދަނީ ކުރެވެމެނުންވެ.

މި މަސައްކަތްތައް މި ގޮތަށް ކުރި ނަމަވެސް، މަގުމައްޗަކީ އެންމެންނަށް އަމާން ރައްކާތެރި ތަނަކަށް ހެދުމުގައި އާންމު ރައްޔިތުންގެ ހިއްސާ ވަރަށް ބޮޑެވެ. އަދާކުރަން ޖެހޭ ޒިންމާ ވެސް ބޮޑެވެ.

މަގުމަތީގެ ސަލާމަތްތެރިކަން ކަށަވަރުކުރުމުގެ ގޮތުން އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކުން އުޅަނދުގައި ކޮންމެހެން ވެސް ހަމަވެފައި ހުންނަން ޖެހޭ ލިޔުންތައް ހަމަޔަށް ހުރިތޯ ޗެކްކުރަންވާނެ އެވެ. އަދި އެ ދުއްވާ އުޅަނދަކީ ހާލަތު ރަނގަޅު ދުއްވުމަށް އެކަށީގެންވާ އުޅަނދެއްތޯ ޔަގީންކުރަން ވާނެ އެވެ. އެގޮތުން ރޯޑް ވާދިނަސް ހައްދައި އުޅަނދަކީ ދުއްވުމަށް އެކަށޭނެ އުޅަނދަކަށް ހަދަންޖެހެއެވެ. ހަމައެއާއެކު އުޅަނދު ދުއްވާއިރު، ލައިސަންސް އަބަދުވެސް އަތުގައި ބޭއްވުމާއި ދުއްވާ އުޅަނދަކީ އަހަރީ ފީ އާއި ތާޑް ޕާޓީ އިންސްއަރެންސް ދައްކައި، ސްޓިކާތައް ހަމަކުރުމަކީ މުހިންމު ކަމެކެވެ.

މަގު ބޭނުންކުރާ ފަރާތްތައް ކަމުގައިވާ ހިނގާބިގާވާ މީހުންނާއި، ދެ ފުރޮޅުލީ އެއްގަމު އުޅަނދާއި ހަތަރު ފުރޮޅުލީ އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކުން މަގުމަށްޗަށް ދޭންޖެހޭ ވަރަށް ސަމާލުކަން ދިނުމަކީ ވެސް މުހިންމު ކަމެކެވެ. އެގޮތުން އުޅަނދު ދުއްވާއިރު ކަނޑައަޅާފައިވާ ސްޕީޑްގައި ދުއްވުމާއި، ކަނޑައެޅިފައިވާ ލޭންގައި ދުއްވުމާއި، އުޅަނދެއް އޯވަޓޭކްކުރާ އިރުގައާއި ގޯޅިއަޅާއިރު ނުވަތަ މަޑުކުރާއިރު ސިގްނަލް ދީ ގަވާއިދާ އެއްގޮތަށް އަމަލުތައް ބެހެއްޓުމަކީ މުހިންމު ކަމެކެވެ. އަދި ހިނގާބިގާވާ މީހުން ދުވާރު މަތިން ހިނގުމާއި މަގު ހުރަސްކުރާ އިރު މަގަށް ރަނގަޅަށް ބެލުމަ ށްފަހު މަގު ހުރަސްކުރުމާއި މަގު ހުރަސްކުރުމަށްޓަކައި ކަފިހުރަސް ބޭނުން ކުރުމަކީ މުހިންމު ކަމެކެވެ.

މަގުމަތީގެ ސަލާމަތާއި ރައްކާތެރި ކަމަށް ހެދިފައިވާ ގާނޫނާއި ގަވާއިދުތަކަށް އަމަލުނުރާ ނަމަ ނުރައްކާތެރި ހާދިސާއެއް ހިގުމަކީ ގާތް ކަމަކަށް ވެގެން ދާނެ އެވެ. އެހެންކަމުން ހުރިހާ ފަރާތްތަކުން ވެސް ފަރުދީ ޒިންމާ އިސްކޮށް، އެކަމަށް މަސައްކަތް ކުރުމަކީ މަގުމަތީގައި ހިނގާ ނުރައްކާތެރި އެކްސިޑެންޓްތައް މަދުކުރެވި މަގު ބޭނުންކުރާ އެންމެނަށް ވެސް އަމާން ރައްކާތެރި ތަނަކަށް ހެދިގެން ދާނެ ކަމެކެވެ.

ނޯޓް: މިއީ ފުލުހުންގެ ލިޔުމެކެވެ.