Last Updated: April 23, 13:19
Tuesday, April 23, 2024
ޚަބަރު

ވޯލްޑް ކަޕްގެ ސެމީ ބަލާލުމުގެ ފުރުސަތު އުރީދޫން ދެނީ

އުރީދޫ މޯލްޑިވްސްގެ "ވޯލްޑް ކަޕް ފޯރީ 2022" ކެމްޕެއިންގެ ދަށުން ހަތަރު ނަސީބުވެރި ކަސްޓަމަރަކަށް ގަތަރުގައި ބާއްވާ ވޯލްޑް ކަޕްގެ ސެމީ ފައިނަލް މެޗު ބަލާލުމުގެ ފުރުސަތު ލިބޭ ހާއްސަ ލަކީ ޑްރޯއެއް ފަށައިފި އެވެ.

މި ލަކީޑްރޯ ކުރިއަށް ދާނީ މިއަދުން ފެށިގެން އަންނަ މަހުގެ 31 ގެ ނިޔަލަށެވެ. މި ލަކީ ޑްރޯގެ ނަސީބުވެރި ފަރާތްތައް ހޮވާ އިޢުލާން ކުރަން ރާވާފައިވަނީ މިއަހަރުގެ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހު އެވެ.

އުރީދޫން ބުނީ ސެމީ ފައިނަލް ބަލާލުމުގެ ފުރުސަތުގެ އިތުރުން ލަކީ ޑްރޯގެ ބައިވެރިންގެ ތެރެއިން ކޮންމެ ހަފްތާއަކު ވެސް ވޯލްޑް ކަޕް މާޗެންޑައިޒް އާއި އެހެންވެސް އިނާމުތައް ހޯދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

އުރީދޫ ވޯލްޑް ކަޕް ފޯރި ލަކީ ޑްރޯ އިއުލާނުކޮށްފައިވަނީ އެ ކުންފުނީގެ 17 ވަނަ އަހަރީ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން މިއަދު ބޭއްވި ހާއްސަ ފުޓްބޯޅަ އިވެންޓެއްގަ އެވެ. މި ހަރަކާތް ފައްޓަވައިދެއްވީ ނައިބު ރައީސް ފައިސަލް ނަސީމްގެ އިތުރުން އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ ޚާލިދު އަލްޙަމާދީ އެވެ.

ވޯލްޑް ކަޕްގެ ސެމީ ފައިނަލް މެޗު ބަލާލުމުގެ ނަސީބުވެރިޔަކަށް ވުމުގެ ފުރުސަތު ވަނީ އުރީދޫގެ ހުރިހާ ކަސްޓަމަރުންނަށް ވެސް ހުޅުވާލާގަ އެވެ. އަދި މި ޕްރޮމޯޝަން ކުރިއަށްދާ މުއްދަތުގައި އުރީދޫއާ އަލަށް ގުޅޭ ކޮންމެ ކަސްޓަމަރަކަށް ވެސް ލަކީ ޑްރޯގައި ބައިވެރިވެ، ފޯރިގަދަ އިނާމުތައް ހޯދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އުރީދޫން ހާމަކުރެ އެވެ.

ގަތަރުގައި ބާއްވާ ވޯލްޑް ކަޕް ކުރިއަށްދަނީ މިއަހަރުގެ ނޮވެމްބަރު 21 އިން ޑިސެމްބަރު 18 ގެ ނިޔަލަށެވެ.