Last Updated: April 26, 20:24
Friday, April 26, 2024
ޚަބަރު

ޖުލައި ނިމުނީ ކައުންސިލުން ރައްޔިތުންނާ ބައްދަލުނުކޮށް!

ލާމަރުކަޒީ ގާނޫނުގެ 110 ވަނަ މާއްދާގައި ބުނާ ގޮތަށް ރައްޔިތުންގެ ބައްދަލުވުން ޖުލައި މަހުގެ ތެރޭގައި ބާއްވަން ޖެހޭ ގޮތަށް އޮތަސް އެ ބައްދަލުވުން ނުބާއްވައި އައްޑޫ ސިޓީ ކައުންސިލުން އެ މަސް ނިންމާލައިފި އެވެ.

ކައުންސިލުން ރައްޔިތުންނާއި ބައްދަލުކޮށްފައި ނުވާ އިރު، އެ ގާނޫނުގެ 109 ވަނަ މާއްދާގެ (ހ) ބުނާ ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 20 ވަނަ ދުވަހުގެ ކުރިން، އެ އަހަރެއްގެ ފުރަތަމަ 6 (ހައެއް) މަސް ދުވަހު ކައުންސިލުން ހިންގި ހަރަކާތްތަކުގެ ތަފްސީލު ރިޕޯޓު ވެސް އާއްމުކޮށްފައެއް ނުވެ އެވެ.

އައްޑޫ އާ ކައުންސިލުން މިހާތަނަށް ލާމަރުކަޒީ ގާނޫނުގައި ކައުންސިލަށް ލާޒިމުކޮށްފައިވާ ބައްދަލުވުންތައް ތާރީހާ އެއްގޮތަށް ކުރިން ވެސް ބާއްވައިފައެއް ނުވެ ނުވެ އެވެ. ކޮންމެ އަހަރަކު ފެބްރުއަރީ މަސް ނިމުމުގެ ކުރިން ބާއްވަން ޖެހޭ ބައްދަލުވުން މި ފަހަރު ބާއްވާފައި ވަނީ "އަމާބުނީތީ ފަރަށްދާ އުސޫލުން" މާޗު މަސް ނިމެން އުޅެނިކޮށެވެ.

ލާމަރުކަޒީ ގާނޫނުގެ 110 ވަނަ މާއްދާގައި ބުނަނީ ރައްޔިތުންނަށް އާންމުކޮށް ހުޅުވާލާފައިވާ ބައްދަލުވުމެއް ކޮންމެ އަހަރަކު ފެބްރުއަރީއާއި ޖުލައިމަހު ސިޓީ ކައުންސިލުންނާއި ރަށްރަށުގެ ކައުންސިލްތަކުން ބާއްވަންވާނެ އެވެ. އެގޮތުން ފެބްރުއަރީ މަހު ބާއްވާ ބައްދަލުވުމުގައި ފާއިތުވި އަހަރުގެ އަހަރީ ރިޕޯޓާއި މާލީ ރިޕޯޓާއި އޮޑިޓް ރިޕޯޓު ރައްޔިތުންނަށް ހުށަހަޅަންވާނެއެވެ. އަދި ޖުލައި މަހުގައި ބާއްވާ އާންމު ބައްދަލުވުމުގައި ކައުންސިލްގެ ކުރިއަށްއޮތް އަހަރުގެ މަސައްކަތު ތާވަލާއި ބަޖެޓު ރައްޔިތުންނަށް ހުށަހަޅައި ހިޔާލު ހޯދަންވާނެއެވެ. މިގޮތުން ރައްޔިތުންނާއި ބައްދަލުކުރުމުގެ 7 (ހަތެއް) ދުވަސް ކުރިން އެ ރިޕޯޓުތަކާއި ޕްލޭނާއި ބަޖެޓުގެ މައުލޫމާތު އާންމުކޮށް ހާމަކުރަންވާނެއެވެ. މީގެ އިތުރުން ތަރައްގީގެ ޕްލޭނަށް އަމަލީ ސިފަ އަންނަމުންދާ ގޮތުގެ މައުލޫމާތު މަދުވެގެން ދެމަހުން އެއްމަހު ކައުންސިލުން އާންމުކޮށް ހާމަކުރަންވާނެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރައްޔިތުންގެ ބައްދަލުވުން ނުބާއްވައި އައްޑޫ ކައުންސިލުން ވަނީ ބަހަނާ ދައްކައި ލޯކަލް ގަވަރަމަންޓު އޮތޯރިޓީ އަށް ސިޓީ ފޮނުވައިފަ އެވެ. ކައުންސިލުން އެލްޖީއޭ އަށް ލިޔެފައި ވަނީ ރައްޔިތުންގެ ބައްދަލުވުން ނުބޭއްވުނީ ބައެއް ކައުންސިލަރުން ޗުއްޓީގައި ތިބުމާ ގުޅިގެން ބަޖެޓުގެ ކަންކަން ނުކުރެވި އޮތުމުގެ ސަބަބުން ކަމަށެވެ.

އައްޑޫ އާ ކައުންސިލަށް އަހަރެއް ވެފައިވާ އިރު، ފެންނަނީ އެއްވެސް ތަރުތީބެއް ނެތި ކަންކަން ކުރަމުންދާ މަންޒަރެވެ. ކޮންމެ ހަފުތާއެެއްގެ އަންގާރަ ދުވަހު ކައުންސިލް ބައްދަލުވުން ބާއްވައި ނިންމާ ކަންކަން ދެން ފެންނަނީ އަނެއް ޖަލްސާގައި ބަދަލުކުރާ ތަނެވެ. އެއް ދުވަހަކު ބަނދަރުން ފީ ނެގުމަށް ނިންމައި އަނެއް ދުވަހު ފެންނަނީ ފީ ނެގުން ފަސްކުރަން ނިންމާ ތަނެވެ.

ލާ މަރުކަޒީ ގާނޫނުގައި ބުނާ ގޮތުން ރައްޔިތުން އަތުން ފީ ނެގޭނީ ރައްޔިތުންނާއި މަޝްވަރާ ކުރުމަ ށްފަހު އެވެ. ނަމަވެސް އައްޑޫ ކައުންސިލުން ފެންނަނީ ރައްޔިތުންނާ މަޝްވަރާ ނުކޮށް ކަންކަން ނިންމާ ތަނެވެ.