Last Updated: July 12, 05:49
Saturday, July 12, 2025
މުނިފޫހިފިލުވުން

މަދޫރީ ކުޅުނު ރޯލެއް ޝްރަދާ އަށް؟

މީގެ 34 އަހަރު ކުރިން ރިލީޒްކުރި ކާމިޔާބު ފިލްމު "ތޭޒާބް" ގައި މަދޫރީ ޑިކްސިޓް ކުޅުނު ރޯލު ޝްރަދާ ކަޕޫރަށް ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަނިލް ކަޕޫރާއި މަދޫރީ ލީޑް ރޯލު ކުޅުނު 1988 ގެ ފިލްމުގެ ރިމޭކެއް ހަދަން އުޅޭ ވާހަކަ ދެކެވޭތާ ދުވަސްތަކެއްވެފައިވާ އިރު، މިދިޔަ އަހަރު އެ ފިލްމުގެ ރައިޓްސް ހޯދާފައި ވަނީ ޕްރޮޑިސަރު މުރާދު ކެތާނީ އެވެ.

އިންޑިއާ ޓުޑޭ އިން ބުނި ގޮތުގައި އަނިލް ކަޕޫރްގެ ރޯލު ކާތިކް އާރިޔަން ކުޅެން ހަމަޖެހިފައިވާ "ތޭޒާބް" ގެ ރިމޭކްގެ ބަތަލާގެ ރޯލަށް ޝްރަދާ ގެނައުމަށްޓައި މިހާރު އަންނަނީ މަޝްވަރާތައް ކުރެވެމުންނެވެ. އަދި ރަސްމީކޮށް ހުރިހާ ކަމެއް ހަމަޖެހުމުން ވަރަށް އަވަހަށް ފިލްމު ރަސްމީކޮށް އިއުލާން ވެސް ކުރާނެ އެވެ.

"ތޭޒާބް" ގެ ރިމޭކްގެ ބަތަލާގެ ރޯލު ޝްރަދާ އަށް ހުށަހެޅި ކަމަށް ބުނާ އިރު، މީގެ ބަތަލު ރޯލަށް ސޮއިކުރިކަން ކާތިކް މިހާތަނަށް ކަށަވަރުކޮށް ދީފައެއް ނުވެ އެެވެ. އެކަމަކު މިދޔަ ހަފުތާގައި ބޮލީވުޑް ހަންގާމާ އަށް ދިން އިންޓަވިއުއެއްގައި އޭނަ ވަނީ އެ ފިލްމަކީ ފެވަރިޓެއް ކަމަށާއި އަދި އަނިލް އާއި މަދޫރީ ކުރި މަސައްކަތްވަރަށް ފުރިހަމަ ކަމަށް ބުނެ މާ ދުރުދުރުން "ތޭޒާބް" ގެ ވާހަކަ ދައްކައިފަ އެވެ.

މީގެ ރިމޭކުން ކާތިކާ އާއި ޝްރަދާ ފެންނަ ގޮތްވެއްޖެ ނަމަ މި ފިލްމު ވާނީ ޒުވާން ދެ ތަރިން އެކީގައި ކުޅޭ ފުރަތަމަ ފިލްމަށެވެ. ޝްރަދާގެ އެންމެ ފަހުގެ ފިލްމަކީ 2020 ގެ "ބާގީ 3" އެވެ. އޭނަ މި އަހަރު އަންނަނީ އަހަރު ކުރީކޮޅު ރިލީޒްކުރަން ހަމަޖެހިފައިވާ ޑައިރެކްޓަރި ލަވް ރަންޖަންގެ ފިލްމެއްގެ މަސައްކަތްކުރަމުންނެވެ. އެ ރޮމޭންޓިކް ކޮމެޑީގެ ބަތަލަކީ ރަންބީރް ކަޕޫރެވެ.

"އާޝިގީ 2" އާއި "އޭކް ވިލަން" އާއި "އިސްތިރީ" އަދި "ޗިޗޯރޭ" ފަދަ ކާމިޔާބު ފިލްމުތައް ކުޅެފައިވާ ޝްރަދާ ސޮއިކޮށްފައިވާ ޕްރޮޖެކްޓްތަކުގެ ތެރޭގައި "ނާގިން" ޓްރިލޮޖީ ހިމެނެ އެވެ.

މަދޫރީ ފަދަ މޮޅު ބަތަލާއަކު ކުޅުނު ރޯލަކަށް ޝްރަދާ ގެންނަން މަސައްކަތްކުރާ އިރު، ފާހަގަކޮށްލެވޭ ކަމަކީ ޝަކްތީ ކަޕޫރްގެ ދަރިފުޅަކީ ބެލުންތެރިން ވަރަށް ބޮޑަށް ބަލައިގެންފައިވާ ހުނަރު ބަތަލާއެއްކަމެވެ.

"ތޭޒާބް" އަކީ ޑައިރެކްޓަރު އެން ޗަންދުރާ ގެނެސްދިން އެކްޝަން ރޮމޭންސް ފިލްމެކެވެ. މަދޫރީ ވިދުން ގަދަކޮށްދިން މި ފިލްމަކީ އޭނަގެ މޮޅު ނެށުންތަކެއް ފެނިގެން ދިޔަ މަޝްހޫރު ލަވަ "އޭކް ދޯ ތީން" ވެސް ހިމެނޭ ފިލްމެވެ. އެ ލަވައިގެ އާ ވާޝަނެއް ޖެކްލިން ފެނާންޑޭޒާ އެކީ 2018 ގެ "ބާގީ 2" ގައި އައިޓަމް ލަވައެއްގެ ގޮތުގައި ހިމެނި އެވެ.