Last Updated: April 25, 12:03
Thursday, April 25, 2024
ރިޕޯޓް

އިއްބާގެ އެއާ ޓެކްސީ؛ މިއީ އަދި ފެށުމެއް

މީގެ ކުރިން ވެސް އައްޑޫ މީހަކު މަތިންދާ ބޯޓެއް ހަދައި އުދުއްސި އެވެ. އެއީ މީގެ ބައިގަރުނަށް ވުރެ ކުރިންނެވެ. އެ ވާހަކަ މާޒީ އަށް ދޫކޮށްލާފައި އަނެއްކާ ވެސް ހަމަ ދައްކަން އޮތީ މިފަދަ މަސައްކަތެއް ކުރި މީހެއްގެ ވާހަކަ އެވެ. މިއީ ހިތަދޫ އަލިމަސްވާދީ، އިބްރާހިމް ވަހީދު (އިއްބާ) އެވެ. އޭނާ ތައްޔާރުކޮށް ޓެސްޓް ވެސް ކޮށްފައި ވަނީ ކުޑަވަރެއްގެ އެއާ ޓެކްސީއެކެވެ.

ބަލާލެމުމަށް ރާއްޖޭގައި މި ބޭނުންކުރާ އެއާ ޓެކްސީތަކާ މާ ބޮޑު ތަފާތެއް ނެތެވެ. ތަފާތަކީ މީހަކަށް އެރެވޭ ވަރުގެ އެއްޗަކަށް ވަހީދުގެ އެއާ ޓެކްސީ ނުވުމެވެ. އެކަމަކު ޓެކްނިކަލް ގޮތުން ބަލައިފި ނަމަ މީގައި މާ ބޮޑު ތަފާތުތަކެއް ނެތެވެ. ވަހީދު މި މަސައްކަތްކުރީ ވެސް އެތައް ބައެއްގެ ފަރާތުން ފަންނީ އެތައް މައުލޫމަތެއް ހޯދައިގެންނެވެ. ބޯޓް ހަދަން ބޭނުންކުރި ބައެއް އެއްޗިއްސަކީ ސޫފާ އެފަދަ އެއްޗެހި ހަދަން ބޭނުންކުރާ ތަކެއްޗެވެ.

މި ވަގުތު ޗުއްޓީއަކަށް ރަށުގައި ހުރި އިއްބާ "އައްޑޫ ލައިވް" އަށް ދިން އިންޓަވިއުއެއްގައި ވަނީ އޭނަގެ "އެކްސްޕެރިމަންޓް" އެއާ ޓެކްސީގެ ވާހަކަތައް ކިޔައި ދީފަ އެވެ. އޭނާ ބުނީ މިއީ ގާތްގަނޑަކަށް ހައެއްކަ މަސް ދުވަހުގެ މަސައްކަތް ކަމަށެވެ. ރަށްރަށުގެ ބަނދަރުތައް ހެދުމާއި ފަޅު ފުންކުރުން ފަދަ މަސައްކަތުގެ ތެރެއިން އެކްސްކަވޭޓަރު އޮޕަރޭޓެއްގެ ވަޒީފާ އަދާކުރަމުން އަންނަ އިއްބާ އޭނަގެ އެއާ ޓެކްސީ ހެދީ އެކި ފަހަރު އެކި ރަށްރަށުގެ ސައިޓްކުގައި މަސައްކަތްކުރަމުން ލިބޭ ހުސް ވަގުތުތަކުގަ އެވެ.

އޭނަގެ ނަމާ ވެސް ގުޅުވައިގެން ނަން ދީފައިވާ "އިއްބާ 1032" އަކީ ރޫޅައިގެން ފަސޭހަކަމާ އެކު އުފުލައިލެވޭ ގޮތަށް ތައްޔާރުކުރި އެއްޗެކެވެ. ބަރުދަނުގައި ގާތްގަނޑަކަށް 6-7 ކިލޯ ހުރި މި އެއާ ޓެކްސީ އިއްޔެ ވަނީ ހިތަދޫގައި ޓެސްޓް ކޮށްފަ އެވެ. އެގޮތުން މޫދަށް ލޭންޑް ކުރުމުގެ ޓެސްޓް ވަރަށް ކާމިޔާބުކަން ވަހީދު ފާހަގަކުރި އެވެ.

"ފަހަރަކު ބައެއް ފުރިހަމަކުރަމުން ޓެސްޓްކުރަމުން މި އަންނަނީ. މުޅި އެތީގެ ޓެސްޓިން އެއްކޮށް ނިމުނީމަ މިކަމުގެ އަސްލު އުފާ ލިބޭނީ." ރިމޯޓުން ކޮންޓްރޯލްކުރެވޭ ގޮތަށް ހަދާފައިވާ ބޯޓާ ބެހޭ ގޮތުން އޭނާ ބުންޏެވެ.

އިއްބާ ކިޔައިދިން ގޮތުގައި އެއާ ޓެކްސީއެއް ހަދައި އޭގެ ޓެސްޓްތައް ކާމިޔާބުކުރަމުން އަންނަ އިރު، އާވާ އެންމެ ބޮޑު އުންމީދަކީ ރާއްޖޭގައި ދަތުރުފަތުރަށް ބޭނުންކުރާ ފެންވަރުގެ، ބޮޑެތި އެއާ ޓެކްސީތައް ވެސް ހެދިދާނެކަމުގެ ޔަގީންކަން ލިބުމެވެ.

"މީގެ ހުރިހާ މަސައްކަތަތުން އަތް ދޫކޮށްލާފައި ދެން ބޭނުން ވަނީ ޓްވިން އިންޖީނުގެ ބޮޑު އެއްޗެއް ހަދަން،" އިއްބާ ބުންޏެވެ. "އެކަމަކު އެކަމަށް ވަރަށް ބޮޑަށް ތައްޔާރުވާން ޖެހޭނެ. ހާއްސަކޮށް އޭވިއޭޝަން ދާއިރާގެ ތެރެއިން ބޭނުންވާ ޓެކްނިކަލް ގިނަ މައުލޫމާތުތައް ހޯދުމާއި މިކަމަށް ބޭނުންވާ ބަޖެޓަކީ ވެސް ކުޑަ ކަމަކަށް ނުވާނެ."

އިއްބާ ބުނި ގޮތުގައި އެއާ ޓެކްސީއެއް ހަދައި ޓެސްޓްކުރުމަކީ ވަރަށް ކުރިއްސުރެ ވެސް ދެކެމުން އައި ހުވަފެނެކެވެ. ސަބަބަކީ އޭނަ އަކީ ވަރަށް ކުޑައިރުން ފެށިގެން އިންޖީނުތަކާއި އެެފަދަ ކަންކަމާ ގުޅޭ ކަންކަން ތަޖުރިބާކުރަން ބޭނުންވާ މިހަކަށްވުމެވެ. އަނެއްކޮޅުން ކުރިން ވަޑާމުގެ ތެރޭގައި އުޅެވުމާއި ފަހުން އިންޖިނިއަރިންގެ މަސައްކަތުގެ ތެރެއަށް ނުކުމެވުނީމަ ވަހީދުންގެ ބަހުން ނަމަ މަތިންދާ ބޯޓެއް ހެދުމަކީ "މާ އުނދަގޫ ކަމެއް" ނޫނެވެ.

"އެހެންވެ ހިތުގައި އޮވޭ އަބަދު ވެސް މިކަހަލަ މަސައްމަތެއްކޮށް، ކާމިޔާބުކުރަން. މި އެއާ ޓެކްސީ އަކީ ފެށުމެއް،" އޭނާ ބުންޏެވެ. "އަމާޒަކީ މީހުން ގޮވައިގެން އުދުހެވޭ ފެންވަރުގެ ބޯޓްތަކެއް އުފެއްދުން. ހަގީގަތުގައި އެއްވެސް ކަމަކީ ނުވާނެ ކަމެއް ނޫން. އަމާޒަކީ ބޯޓްތައް އުފައްދައި ވިއްކޭ ވަރުގެ މަސައްކަތެއް ކުރުން."

އިއްބާގެ މަސައްކަތަށް ގިނަ ބަޔަކު މިހާރު ތައުރީފު ވެސް ކިރަމުން އަންނަ އިރު، މިފަދަ ކަމެއް ކުރަން ހިތުލައި، ކާމިޔާބުކުރުމާ ހަމައަށް ހިތްވަރާއި އެހީތެރިކަން ދިން އެންމެންނަށް އޭނަގެ އޮތީ ވަރަށް ހާއްސަ ޝުކުރެކެވެ.

"ވަރަށް އުފަލުން މި ހުރީ." އިއްބާ ބުންޏެވެ.

އޭނަ ކިޔައި ދިން ގޮތުގައި އާންމުންގެ ސަމާލުކަން ލިބުނު މަސައްކަތެއް ކުރެވުމުގެ އުފާ ލިބުނު އިރު، ކުރިން ހިތަދޫގައި މަތިންދާ ބޯޓެއް އުފެއްދި މީހާގެ ވާހަކަ އަކީ ވެސް ވަރަށް ބޮޑު ހިތްވަރެކެވެ. އަދި އޭނަގެ ފަރާތުން ވެސް ވަރަށް ގިނަ މައުލޫމާތުތަކެއް ހޯދި ކަމަށް އިއްބާ ބުންޏެވެ.

"އޭރަށް ބަލާ އިރު މާ ގިނަ ރިސޯސްތަކެއް ވެސް ނެތް ޒަމާނެއްގައި މީހަކު މަތިންދާ ބޯޓެއް ހަދައި އުދުއްސާލުމަކީ ހަމަ ހަގީގަތުގައި ވެސް ވަރަށް ބޮޑު ކަމެއް،" އޭނަ ބުންޏެވެ. "ދެން މިހާރަށް ބަލާ ކަމަށް ވަންޏާ ކަންކަން ވަރަށް ފަސޭހައިން ކުރެވޭނެ އެތައް މަގެއް އޮތީ ފަހިވެފައި. އެހެންވީމަ އަހަރެންގެ މަސައްކަތް އަދި ކުރިއަށް އޮތީ."

އިއްބާ އެންމެ ބޮޑު ޓާގެޓަކީ މި އެވެ؛ ތިމާވެއްޓާ ރައްޓެހި އެއާ ޓެކްސީ އުފެއްދުމެވެ. އޭނަ އުފައްދާ ބޯޓްތައް ވައިގެ ތެރޭގައި އުދުހުމެވެ. މި މަސައްކަތް ވިޔަފާރިއަކަށް ހެދުމެވެ.