ގައްދާރެއްގެ ގޮތުގައި ސިފަކޮށް އަދި ރާއްޖޭގައި އެންމެ ބޮޑެތި ވައްކަންތައް ހިންގި ސަރުކާރަކީ ބޮޑުބޭބޭ އަބްދުﷲ ޔާމީންގެ ސަރުކާރު ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވުމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ދުންޔާ އަށް ރައްދު ދެއްވައިފި އެވެ.
މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ އަންހެނުންގެ ގޮފީގެ ރައީސްކަމަށް ވާދަކުރައްވާ ދުންޔާ އެގޮތަށް ވިދާޅުވެފައި ވަނީ، އެ ޕާޓީގެ ލީޑަރު މުހައްމަދު ނާޒިމް ޓްވިޓްގައި ހިއްސާކުރެއްވި ވީޑިއޯއެއްގަ އެވެ. އެ ވީޑިއޯގައި ދުންޔާ ވިދާޅުވީ ޔާމީނަކީ މި ގައުމު ދުށް އެންމެ ބޮޑު ގައްދާރު ކަމަށް ނާޒިމް ވިދާޅުވި ވާހަކަ ތަކުރާރު ކުރައްވާ ކަމަށާއި އެންމެ ބޮޑެތި ވައްކަންތައް ހިނގާފައި ވަނީ ވެސް ޔާމީންގެ ވެރިކަމުގައި ކަމަށެވެ. އަދި ޔާމީންގެ ވެރިކަމުގައި އޭރުގެ އިދިކޮޅުގެ ހުރިހާ ލީޑަރުން ހިފާ ހައްޔަރުކުރި ކަމަށާއި، އޭރު މުޅި ގައުމުގައި ވެސް އޮތީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށް ވިދާޅުވި އެވެ.
އެހެންވެ އަލުން އެފަދަ އެފަދަ ވެރިކަމެއް ތަކުރާރު ނުވާނެ ގޮތަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ވެސް ދުންޔާ ވިދާޅުވި އެވެ.
Indeed true @nazim7878! We saw his wrath! So many families did! Both you, your family and mine! Painful times .. https://t.co/tsjUe68MnL
— Dunya Maumoon (@dunyamaumoon) August 3, 2022
ބޮޑުބޭބެ ޔާމީނަށް އޭނާ ބަހުގެ ހަމަލާތަކެއް ފޮނުއްވާފައި ވަނީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ޓިކެޓް ޔާމީނަށް ދޭން ވެސް ނިންމާފައި ވަނިކޮށެވެ.
ދުންޔާގެ ވާހަކަތަކަށް ރައްދު ދެއްވައި އަދުރޭ ވިދާޅުވީ އެކަމަނާ އަކީ ޕީޕީއެމުން ބަލައި ނުގަތުމުން ގައުމުގެ ގައްދާރުންނާ އެއްސަފަކަށް އަރާ ހުންނެވި ބޭފުޅެއް ކަމަށެވެ. އަދި މިހާރު މަސައްކަތްކުރައްވަނީ ޔާމީންގެ ނަން ބޭނުންކޮށްގެން މަޝްހޫރުވާން ކަމަށާއި އެކަމަކު އެކަމެއް ވެސް ނުވާނެ ކަމަށް ވިދާޅުވި އެވެ.
ދުންޔާއަށް:އާދޭސްކޮށްކޮށް ވެސް ޕީ.ޕީ.އެމްއިން ބަލައި ނުގަތުމުން ގައުމުގެ ޣައްދާރުންނާ އެއްސަފަށް އަރާހުރެ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކޮށްގެން މަޝްހޫރުވާން އުޅުނަސް އެކަމެއްނުވާނެ.ވަޒީރުކަމުން އިސްތިޢުފާދީފަ އާދޭސްކޮށްގެން ސ.މިނިސްޓަރަކަމަށް އައީ އެ ސަރުކާރު އަނިޔާވެރިވީމަތޯ؟
— Abdul Raheem Abdulla (@Banafsaa) August 3, 2022
"ވަޒީރުކަމުން އިސްތިޢުފާ ދީފަ އާދޭސްކޮށްގެން ސީނިއާ މިނިސްޓަރު ކަމަށް އައީ އެ ސަރުކާރު އަނިޔާވެރިވީމަތޯ؟" އަދުރޭ އައްސަވާފައިވެ އެވެ.
ދުންޔާ މިހާރު ނިސްބަތްވާ ޕާޓީ އެމްއެންޕީގެ ލީޑަރު ނާޒިމް ވެސް ވަނީ އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމަވައިފަ އެވެ.
ދުންޔާ އަކީ ޔާމީންގެ ވެރިކަމުގައި ފޮރިން މިނިސްޓަރުކަން ކުރެއްވުމަށް ފަހު، އަމިއްލަ އަށް އިސްތިއުފާ ދެއްވި ބޭފުޅެކެވެ.