Last Updated: April 26, 15:47
Friday, April 26, 2024
މުނިފޫހިފިލުވުން

މާރާމާރީއެއް ހުއްޓުވީ ބަތަލު ދޭވް

އޮސްޓްރޭލިއާގެ މަގެއްގެ މަތީގައި ވަޅިއެއް ބޭނުންކޮށްގެން ދެ މީހަކު ހިންގި މާރާމާރީއެއް އޮސްކާ ހޯދި މަޝްހޫރު ފިލްމު "ސްލަމްޑޯގް މިލިއަނާ" ގެ ބަތަލު ދޭވް ޕަޓޭލް ހުއްޓުވައިފި އެވެ.

މި ވާހަކަ ހިއްސާކޮށް އޭނަގެ ތަރުޖަމާނު މީޑިއާތަކަށް ބުނީ އޮސްޓްރޭލިއާގެ އެޑެލައިޑްގެ މަގެއްގެ މަތީގައި މިދިޔަ ހޯމަ ދުވަހުގެ ރޭ އަންހެނަކާއި ފިރިހެނަކު ހިންގި މާރާމާރީ ވަރަށް "ފުރިހަމަކޮށް" ދޭވް ހުއްޓުވާފައިވާ ކަމަށެވެ. މި ހާދިސާގައި ފިރިހެން މީހާގެ މެއަށް އަންހެން މީހާ ވަޅިން ހަމަލާ ދިން ނަމަވެސް އޭނަ އަށް ސީރިއަސް ގެއްލުމެއް ނުވެ އެވެ.

ދޭވް، 32، ގެ ތަރުޖަމާނު ބީބީސީ އަށް ބުނި ގޮތުގައި ފިހާރައެއްގެ ބޭރުގައި ހިންގި މާރާމާރީ ދޭވް ހުއްޓުވީ ރައްޓެހިންތަކަކާ އެކީ އުޅެނިކޮށް މާރާމާރީ ހިންގާ ތަން ފެނުމާ ގުޅިގެންނެވެ. އަދި ހުނަރުވެރި އެކްޓަރުގެ ފަރާތުން ފެނުނީ "ހަގީގީ ހީރޯއެއް" ގެ ފަރާތުން ފެންނަން ޖެހޭ ފަދަ އަމަލެއް ކަމަށް ބުންޏެވެ.

"ދޭވް އާއި އޭނަގެ އެކުވެރިންވެގެން މާރާމާރީ ކާމިޔާބުކަމާ އެކީ ހުއްޓުވި،" ތަރުޖަމާނު ބުންޏެވެ. "އަދި އަދި އެ ސަރަހައްދަށް އެމްބިއުލާންސާއި ފުލުހުން ގެންނަން ވެސް ގުޅައި، އެ މީހުން އަންނަންދެން ދޭވް މަޑު ވެސް ކުރި."

ދެކުނު އޮސްޓްރޭލިއާގެ ފުލުހުން ބުނީ މާރާމާރީއެއް ހިންގާކަމުގެ މައުލޫމާތު ލިބުނީ ހޯމަ ދުވަހުގެ ރޭ ރޭގަނޑު 8:45 ގައި ކަމަށެވެ. އަދި މާރާމާރީ ހިންގި ދެ މީހުންނަކީ ދެ ބައިވެރިން ކަމަށް ބުންޏެވެ.

ދެހާސް އަށެއްގެ "ސްލަމްޑޯލް މިލިއަނާ" އިން ވިދައިލުމަށް ފަހު ދޭވް ކުޅުނު ފިލްމުތަކުގެ ތެރޭގައި "ދަ ބެސްޓް އެކްޒޯޓިކް މެރީގޯލްޑް ހޮޓެލް"، "ލަޔަން" އަދި "ހޮޓެލް މުމްބާއީ" ހިމެނެ އެވެ. އޭނަގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި އަމިއްލަ އަށް ލިޔެ، ޑައިރެކްޓްކުރާ "މަންކީ މޭން" ގެ އިތުރުން "ދަ ވޮންޑަފުލް ސްޓޯރީ އޮފް ހެންރީ ޝުގާ" ހިމެނެ އެވެ.