މީގެ ހަތަރު އަހަރު ކުރިން އިއުލާން ކުރީއްސުރެ އެކި މައްސަލަތައް ދިމާވި ވޯނާ ބްރަދާސް އާއި ޑީސީގެ ސުޕަހީރޯ ފިލްމު "ބެޓްގާލް" ގެ ޝޫޓިން ނިންމައި މިހާރު ޕޯސްޓް-ޕްރޮޑަކްޝަންގައި އޮއްވައި އެ ފިލްމު އެއްވެސް ގޮތަކަށް ބެލުންތެރިންނަށް ނުގެނެސްދޭން ނިންމައިފި އެވެ.
ކުރިން ނިންމާފައި އޮތީ ފިލްމު އަންނަ އަހަރު ރިލީޒްކުރާށެވެ. ނަމަވެސް އެ ފިލްމު "ބޭކާރު" އެއްޗަކަށް ހަދައި ސިނަމާތަކުގައި ވެސް އަދި އެއްވެސް ސްޓްރީމިން ޕްލެޓްފޯމަކުން ވެސް ބެލުންތެރިންނަށް ނުގެސްދޭން ވަނީ ނިންމައިފަ އެވެ. މިކަން ވޯނާ އާއި ޑީސީން ކަށަވަރުކޮށް ދިން ނަމަވެސް އެކަމާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް ނުދެ އެވެ. އަދި "ބެޓްގާލް" އާ ބެހޭ އެއްވެސް ވާހަކައެއް މިދިޔަ މަހުގެ ފަހުކޮޅު ބޭއްވި މި އަހަރުގެ "ކޮމިކް ކޮން" އިވެންޓްގައި ވެސް ހިއްސާކޮށްފައެއް ނުވެ އެވެ.
މިދިޔަ އަހަރު މަސައްކަތް ފެށި "ބެޓްގާލް" ގެ ޑައިރެކްޓަރުންނަކީ އާދިލް އަލް އާބީ އާއި ބިލާލް ފަލާ އެވެ. އެ ދެ މީހުންނަކީ ވިލް ސުމިތުގެ 2020 ގެ "ބޭޑް ބޯއިސް ފޯ ލައިފް" ވެސް ޑައިރެކްޓަރުންނެވެ. "ބެޓްގާލް" ގެ ރޯލު ކުޅުނީ އެމެރިކާގެ ޒުވާން ލަވަކިޔުންތެރިޔާ ލެޒްލީ ގްރޭސް އެވެ. ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި ބްރެންޑަން ފްރޭޒާ، މައިކަލް ކީޓަން އަދި ޖޭކޭ ސައިމަންސް ހިމެނެ އެވެ.
ނިންމުމުގެ މަރުހަލާގައި އޮއްވައި "ބެޓްގާލް" ގެ ނުގެނެސްދޭން ނިންމި އިރު، މި ފިލްމު ހަދާފައި ވަނީ 90 މިލިއަން ޑޮލަރުގެ ބަޖެޓަކުންނެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުން ވޯނާ އާއި ޑީސީން މި ފިލްމު ވައްގަނޑަށް ލާންމީ އެ ދެ ސްޓޫޑިއޯ އިން އުންމީދުކުރި ވަރަށް ވުރެ މަސައްކަތުގެ ފެންވަރު ދަށްވުމުންނާއި ޑައިރެކްޓަރުންގެ ކޮމިޓްމަންޓް ކުޑަވުމުންނެވެ