މޯލްޑިވްސް ނެޝަނަލް ޕާޓީގެ (އެމްއެންޕީ)ގެ ގައުމީ ހިންގާ ކައުންސިލަށް އިންތިހާބަކާ ނުލާ 180 މަގާމަކަށް މެމްބަރުން ހޮވިއްޖެ އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެންއެންޕީގެ އިންތިޚާބީ ކޮމިޓީގެ ރައީސް އަޙްމަދު އަމްޖަދު ވިދާޅުވީ މި މަހުގެ ހަވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޕާޓީގެ އެތެރޭގެ އިންތިޚާބުގައި 185 މަޤާމަކަށް 196 ފަރާތަކުން ކުރިމަތިލާފައިވާ ކަމަށެވެ. އޭގެ ތެރެއިން 180 މަޤާމަކަށް ކުރިމަތިލާފައިވަނީ ކޮންމެ މަޤާމަކަށް އެއް މެންބަރުން ކަމުން އެ 180 މަޤާމަށް ކުރިމަތިލީ މެންބަރުން އިންތިޚާބަކާ ނުލާ ހޮވިފައިވާ ކަމަށް އަމްޖަދު ވިދާޅުވި އެވެ.
އަމްޖަދު ވިދާޅުވީ، އެމްއެންޕީގެ ޤައުމީ ހިންގާ ކައުންސިލްގެ މަޤާމުތަކުގެ ތެރެއިން އިންތިޚާބު ބާއްވަންޖެހެނީ ފަސް މަޤާމަކަށް ކަމަށެވެ. އެއީ ވިމެންސް ވިންގގެ ލީޑަރ، ޔޫތު ވިންގގެ ލީޑަރ، ނޮޅިވަރަމް ދާއިރާ (އަޕަރ ނޯތު ރީޖަން) (ހދ) ރައީސް، ހޮޅުދޫ ދާއިރާ (ނޯތު ރީޖަން) (ނ) ނާއިބު ރައީސް ތުޅާދޫ ދާއިރާ (ނޯތު ރީޖަން) (ބ) ރައީސްގެ މަގާމެވެ.
އެމްއެންޕީގެ އެތެރޭގެ އިންތިޚާބުގެ ވޯޓު ފޮށިތަށް ބެހެއްޓުމަށް ހަމަޖެހިފައިވަނީ އެމްއެންޕީގެ 50 މެންބަރުން ހަމަވާ ރަށްރަށުގަ އެވެ. މިގޮތުން 54 ރަށެއްގައި ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ނިންމާފަ އެވެ.
މި ރަށްރަށުގައި ވޯޓުލުން ކުރިޔަށްދާނީ އަންނަ ހޮނިހިރު ދުވަހު ހެނދުނު 8:00 އިން ފެށިގެން އެ ދުވަހު ހަވީރު 4:00 އަށެވެ.