Last Updated: July 7, 06:14
Monday, July 7, 2025
ޚަބަރު

ރައީސް، ބޮމްބޭ ސްޓޮކް އެކްސްޗޭންޖަށް ޒިޔާރަތްކޮށްފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މުމްބާއީއަށް ވަޑައިގެން ބޮމްބޭ ސްޓޮކް އެކްސްޗޭންޖް (ބީއެސްއީ) އަށް ޒިޔާރަތްކުރައްވައިފި އެވެ.

ރައީސްގެ މި ޒިޔާރަތުގައި އަރިހުގައި ވަޑައިގެންނެވި ސަރުކާރުގެ އިސްވެރިންނާއި، ވިޔަފާރިވެރިންގެ ވަފުދުން ވަނީ އެކިއެކި އިންވެސްޓްމަންޓް ފުރުޞަތުތަކާއި، ކެޕިޓަލް މާކެޓް ޑިވެލޮޕްކުރުމާ ގުޅޭގޮތުން ބޮމްބޭ ސްޓޮކް އެކްސްޗޭންޖުގެ ބޯޑު މެންބަރުންނާއި މެނޭޖްމަންޓާއެކު ޚިޔާލު ބަދަލުކުރައްވައި، މަޝްވަރާ ކުރައްވާފަ އެވެ. މި މަޝްވަރާތަކުގައި ސްޓޮކް މާކެޓު ތަރައްޤީކޮށް ކުރިއެރުވުމުގައި ގުޅިގެން މަސައްކަތް ކުރެއްވުމުގެ ޝައުޤުވެރިކަން އެބޭފުޅުން ފާޅުކުރެއްވި އެވެ.

ރައީސް އަދި އެ މަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ވަފުދު ބޮމްބޭ ސްޓޮކް އެކްސްޗޭންޖަށް ޒިޔާރަތްކުރެއްވުމުން މަރުޙަބާ ދެންނެވީ ބޮމްބޭ ސްޓޮކް އެކްސްޗޭންޖުގެ ޗެއަރމަން ޝްރީ އެސް. އެސް. މުންޑްރާ އެވެ.

މި ޒިޔާރަތުގައި ރައީސް ވަނީ ބޮމްބޭ ސްޓޮކް އެކްސްޗޭންޖުގެ ނެޓްވަރކް އޮޕަރޭޝަން ސެންޓަރާއި ސެކިއުރިޓީ އޮޕަރޭޝަން ސެންޓަރުގެ އެކިއެކި މަސައްކަތްތައް ހިނގަމުންދާގޮތް ބައްލަވާލައްވައި، ސްޓޮކް އެކްސްޗޭންޖުގެ ރަނގަބީލު ރަމްޒީކޮށް ޖެހުމުގެ ރަސްމިއްޔާތުގައި ބައިވެރިވެލައްވައި، ރަނގަބީލު ޖައްސަވާފަ އެވެ. ސްޓޮކް އެކްސްޗޭންޖުގެ ރަނގަބީލަކީ ހުރިހާ ޤައުމެއްގައިވެސް ސެކިއުރިޓީސްގެ މުއާމަލާތްތަކަށް ދުވަސް ހުޅުވާލުމާއި ދުވަހުގެ މުއާމަލާތްތައް ނިންމުމުގެ ގޮތުން ޖަހާ ރަނގަބީލެކެވެ.

އޭޝިއާ ބައްރުގައި އެންމެ ފުރަތަމަ ހުޅުވުނު ސްޓޮކް އެކްސްޗޭންޖު ކަމަށްވާ، ބޮމްބޭ ސްޓޮކް އެކްސްޗޭންޖުގައި މިހާރު ލިސްޓުކުރެވިފައިވާ ކުންފުނިތަކުގެ އަދަދު 5،000 އަށް އަރަ އެވެ.