Last Updated: July 6, 22:22
Sunday, July 6, 2025
މުނިފޫހިފިލުވުން

ތިން ބަތަލާއިންގެ ފިލްމަށް އިޝާން؟

ވަރުގަދަ ތިން ބަތަލާއިން ކަމަށްވާ ޕްރިޔަންކާ ޗޯޕްޅާ އާއި އާލިއާ ބަޓްގެ އިތުރުން ކެޓްރީނާ ކައިފްގެ "ޖީ ލޭ ޒަރާ" ގެ ރޯލަކަށް ޒުވާން އެކްޓަރު އިޝާން ޙައްތަރު ސޮއިކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޝާހިދު ކަޕޫރްގެ ކޮއްކޮ އެ ފިލްމުގެ ރޯލަކަށް ސޮއިކުރި ވާހަކަ މީޑިއާތަކުން ރިޕޯޓްކުރި ނަމަވެސް ފިލްމުގެ ޓީމުން އަދި އެކަން ކަށަވަރުކޮށް ދީފައެއް ނުވެ އެވެ. ފާހަގަކޮށްލެވޭ ކަމަކީ "ޖީ ލޭ ޒަރާ" އަކީ ކެޓްރީނާ އާއި އިޝާން ވެސް ކާސްޓްގައި ހިމެނޭ އަދި މި އަހަރުގެ އޮކްޓޯބަރުގައި ރިލީޒްކުރަން ހަމަޖެހިފައިވާ ހޮރޯ-ކޮމެޑީ "ފޯން ބޫތު" ވެސް އުފެއްދި ފިލްމު ކުންފުނި، އެކްސަލް އެންޓަޓައިންމަންޓްގެ އެއްޗެއް ކަމެވެ.

ތިން އަންހެން އެކުވެރިންގެ ރޯޑް-ޓްރިޕް ފިލްމެއްގެ ގޮތުގައި ހަދާ "ޖީ ލޭ ޒަރާ" އަކީ ފަރުހާން އަޚްތަރު ޑައިރެކްޓްކުރާ ފިލްމެކެވެ. ކުރިން މި ފިލްމުގެ ޝޫޓިން އަންނަ ސެޕްޓެމްބަރުގައި ފަށާ ގޮތަށް އޮތް ނަމަވެސް މިހާރު ވަނީ އަންނަ އަހަރަށް ފަސްކޮށްފަ އެވެ. މީގެ ރޯލަކަށް އިޝާން، 26، ސޮއިކޮށްފައިވާ ކަމަށް މީޑިއާތަކުން ބުނަމުން އަންނަ އިރު، ކެޓްރީނާގެ ފިރިމީހާ ވިކީ ކޯޝަލަށް ވެސް ފިލްމު ހުށަހެޅިކަމުގެ އަޑުތަކެއް މިދިޔަ އަހަރު އެރި އެވެ. އަދި "ޖީ ލޭ ޒަރާ" ގެ ރޯލެއް ސީދާ ފަރުހާން ވެސް ކުޅޭނެކަމުގެ އަޑުތަކެއް ކުރިން އަރާފައިވެ އެވެ.

"ޖީ ލޭ ޒަރާ" އަކީ އެކްސަލް އިން ހަދާ ތިން ވަނަ ރޯޑް-ޓްރިޕް ފިލްމެވެ. ކުރީގެ ދެ ފިލްމަކީ ފަރުހާން ޑައިރެކްޓްކޮށް އާމިރު ޚާނާއި ސައިފް އަލީ ޚާންގެ އިތުރުން އަކްޝޭ ކަންނާ ކުޅުނު 2001 ގެ "ދިލް ޗާތާ ހޭ" އެވެ. ދެވަނަ ފިލްމަކީ ފަރުހާންގެ ދައްތަ ޒޯޔާ އަޚްތަރު 2013 ގައި ގެނެސްދިން "ޒިންދަގީ ނާ މިލޭގީ ދުބާރާ" އެވެ. އޭގެ ތަރިންނަކީ ރިތިކް ރޯޝަނާއި އަބޭ ޑިއޯލްގެ އިތުރުން ފަރުހާނެވެ. އަދި އޭގެ ރޯލެއް ކެޓްރީނާ ވެސް ކުޅުނެވެ.

ފަރުހާން އެންމެ ފަހުން ޑައިރެކްޓްކުރި ފިލްމަކީ ޝާހްރުކް ޚާނާއި ޕްރިޔަންކާ ޗޯޕްޅާގެ 2011 ގެ "ޑޮން 2" އެވެ. އޭނަގެ "ޖީ ލޭ ޒަރާ" މިދިޔަ އަހަރު އިއުލާންކުރީ އަންނަ އަހަރު ރިލީޒްކުރާ ގޮތަށެވެ.