Last Updated: August 18, 09:01
Thursday, August 18, 2022
ޚަބަރު

"އަނެއްކާ ނަޝީދު ކިޑްނެޕް ނުކުރާނެތަ؟"

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފޯނު އިނގިރޭސިވިލާތުގައި ފޭރިގެންފައިވާ ކަމަށް ބުނާތީ އަނެއްކާ އެ މަނިކުފާނު ކިޑްނެޕްނުކޮށްފާނެތޯ ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ސުވާލު އުފައްދަވައިފި އެވެ.

އެމްއެންޑީއެފް ޓެގްކުރައްވައި މަޑުއްވަރީ ދާއިރާގެ މެމްބަރު ކުރެއްވި ޓްވީޓެއްގައި ވަނީ ނަޝީދުގެ ސެކިއުރިޓީ އަށް ވެސް މި ވަނީ ކީއްތޯ ސުވާލުކުރައްވައިފަ އެވެ.

"ރައީސް ނަޝީދު ކިޑްނެޕްނުކުރާނެކަން އެމްއެންޑީއެފަށް ކަށަވަރުތަ؟" އާދަމް ޝަރީފު އައްސަވާފައިވެ އެވެ.

ނަޝީދުގެ ފޯނު ފޭރިގަތް ވާހަކަ ރޭ އާންމުކުރެއްވީ ނަޝީދަށް ބޮޑުބޭބެ ވިދާޅުވީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަކަށް ފޮނުއްވި މެސެޖެއްގަ އެވެ. ނަޝީދުގެ ދަރިކަނބަލުންނާ ހަވާލާދީ އޭގައި ވިދާޅުވެފައި އޮތީ ލަންޑަންގެ ރެސްޓޯރަންޓެއްގައި ކާން ތިއްބަވައި މީހަކު ކުއްލިއަކަށް ނަޝީދު ފޯނު ފޭރިގެން ގޮސްފައިވާ ކަމަށެވެ.

ނަޝީދުގެ ފޯނު ފޭރިގަތް ވާހަކަ ތިލަކޮށްފައި މި ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ބަދުއަހުލާގީ ހަތަރު ފޮޓޯއެއް ލިބިފައިވާ ކަމަށް ނަޝީދު ވިދާޅުވެފައިވާ ވަގުތެއްގަ އެވެ. ނަމަވެސް ފޯނު ފޭރިގަތް ވާހަކަ ގިނަ ބަޔަކު މިހާރު ސިފަކުރަނީ އަނެއްކާ ވެސް ނަޝީދު ކުޅުއްވަން އުޅުއްވާ "ޗަރުކޭހެއް" ގެ ގޮތުގަ އެވެ.

ސީޝެލްސް އަށް ކުރެއްވި ރަސްމީ ދަތުރަކަށް ފަހު ނަޝީދު އިނގިރޭސިވިލާތަށް ވަޑައިގެންނެވީ މިދިޔަ ހަފުތާގެ ތެރޭގަ އެވެ. ރައީސަށް ނަޝީދު ކުރެއްވި ތުހުމަތުތަކާ ގުޅިގެންނާއި އިސްލާމްް ދީނާ ފުށުއަރާ ކަންކަމަކަށް ހިތްވަރުދެއްވާ ކަމަށް ބުނެ ނަޝީދާއި އީވާ މަޖިލީހުގެ ރައީސާއި ނައިބު ރައީސްކަމުން ވަކިކުރަން މިހާރު އަންނަނީ މަސައްކަތްތަކެއް ވެސް ކުރެވެމުންނެވެ.

މިހާރު އޮތް ޗުއްޓީގައި އޮތް މަޖިލިސް އަލުން ފަށަން ހަމަޖެހިފައި ވަނީ މި މަހުގެ 18 ގަ އެވެ.