Last Updated: March 28, 13:49
Thursday, March 28, 2024
ދުނިޔެ

އޮސްޓްރޭލިއާ އަށް އަލަށް ބުރުގާ އެޅި މެމްބަރެއް

އޮސްޓްރޭލިއާގެ ގާނޫނު ހަދާ މަޖިލީހަށް ފުރަތަމަ ފަހަރަށް ބުރުގާ އެޅި މެމްބަރަކު އިންތިހާބުވެއްޖެ އެވެ.

އޮސްޓްރޭލިއާގެ ޕާލިމަންޓްގެ ތާރީހު ބަދަލުކޮށްލުމުގެ ޝަރަފު ލިބުނު މި މެމްބަރަކީ އުމުރުން 27 އަހަރުގެ ފާތިމާ ޕޭމަން އެވެ. އޭނާ ވެފައި ވަނީ އޮސްޓްރޭލިއާގެ މިހާރުގެ ޕާލިމަންޓަށް އިންތިހާބުވި އެންމެ ހަގު މެމްބަރުގެ އިތުރުން ޕާލިމަންޓަށް ހޮވުނު އަފްގާން ދަރިކޮޅުގެ އޮސްޓްރޭލިއާ ފުރަތަމަ ރައްޔިތަށެވެ.

ފާތިމާ ބީބީސީ އަށް ވިދާޅުވީ އޭނަ ފަދަ މުސްލިމު އަންހެނަކަށް އޮސްޓްރޭލިއާގެ ގާނޫނު ހަދާ މަޖިލީހުން ފުރުސަތު ލިބުމަކީ އެ ގައުމުގެ މުސްލިމު އަންހެނުންނަށް ލިބުނު ކުރިއެރުމެއް ކަމަށެވެ. އަދި މިއީ ބުރުގާ އެޅި މުސްލިމު އަންހެނުން މިފަދަ މަގާމުތަކަށް ނުކުންނަން ލިބޭ ހިތްވަރަކަށް ވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.

ފާތިމާ ވިދާޅުވި ގޮތުގައި އޭނަ އަށް މި ލިބުނު ކާމިޔާބީއާ ދޭތެރޭ އާއިލާ އިން ވެސް ވަރަށް ފަހުރުވެރި އެވެ.

"ބައްޕަ ދުނިޔެއަކު ނެތް. މަންމަ އަހަންނަށްޓަކައި ފަހުރުވެރިވޭ." އޭނާ ވިދާޅުވި އެވެ.

ފާތިމާ ވިދާޅުވީ ޕާލިމަންޓް މެމްބަރެއްގެ ގޮތުގައި ބޭނުން ވަނީ ހަރުދަނާ މަސައްކަތްތަކެއްކޮށް، ހެޔޮ ބަދަލުތަކެއް ގެންނާށެވެ. އަދި އޭނަ އަކީ ބުރުގާ އެޅި މުސްލިމު އަންހެނަކަށްވާތީ ހަމައެކަނި އެކަމާ ގުޅުވައިގެން ވާހަކަ ދެއްކުމުގެ ބަދަލުގައި ބޭނުން ވަނީ އޮސްޓްރޭލިއާގެ ދަރިއެއްގެ ގޮތުގައި އޭނަ ދެކުމަށެވެ.

"އެހެން ސެނެޓަރުންނެކޭ އެއްގޮތަށް އަހަންނަކީ ވެސް އޮސްޓްރޭލިއާ ރައްޔިތެއް. ބުރުގާ އެޅި މީހަކަށްވުމަކީ މީހާއާ ދޭތެރޭ ތަފާތު ގޮތަކަށް ދެކެން ކެހޭ ސަބަބެއް ނޫން." ފާތިމާ ވިދާޅުވި އެވެ.

ފާތިމާ ވިދާޅުވީ އޮސްޓްރޭލިއާގެ ޒުވާނުން، ހާއްސަކޮށް އަންހެނުން އޭނާއާ މެދު ބޮޑެތި އުންމީދުތަކެއް ކުރާ ކަމަށެވެ. އެހެންވެ އެ އުންމީދުތަކާ އެއްވަރަށް މަސައްކަތްކުރުމަކީ އެންމެ ބޮޑު އަމާޒު ކަމަށެވެ.