ކޮންމެ ދިމާއަކުން ފެންނަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ނުލަފާކަން ދައްކާ ތަން ކަމަށް ވިދާޅުވީ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ބަހުގެ ހަމަލާތަކެއް އަނެއްކާ ވެސް ދެއްވައިފަ އެވެ.
ފަހަކަށް އައިސް ރައީސަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ގެންދަވާ ޖަމީލު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވެރިޔަކު ދެން ނުލަފާނީ މިހާ ވަރަށް ކަމަށެވެ. އަދި އެކަމާ ގުޅޭ ބައެއް ކަންކަން ވެސް ފާހަގަކުރެއްވި އެވެ.
ކޮންމެ ދިމާލަކުން ފެންނަނީ ރ. @ibusolih ނުލަފާކަން ދައްކާތަން. ދީން ބޭނުންކުރަނީ ކިރިޔާ ބަޔަކު ރުއްސާލެވޭ ވަރަށް. ކޮރަޕްޝަނަކީ ޕާޓީ އާއި ކޯލިޝަންގެ ލީޑަރުން މައިތިރިކުރާ މައި ހަތިޔާރު. ވެރިޔަކު ނުލަފާވާނީ ދެން ކިހާވަރެއް ވީމާބާ؟ pic.twitter.com/cCXRs3oGc9
— Mohamed Jameel Ahmed (@MJameelAhmed) August 4, 2022
"ދީން ބޭނުންކުރަނީ ކިރިޔާ ބަޔަކު ރުއްސާލެވޭ ވަރަށް. ކޮރަޕްޝަނަކީ ޕާޓީ އާއި ކޯލިޝަންގެ ލީޑަރުން މައިތިރިކުރާ މައި ހަތިޔާރު." ޖަމީލު ވިދާޅުވި އެވެ.
މި ސަރުކާރުގެ ކޮރަޕްޝަނާއި ވައްކަން ގިނަ ކަމަށާއި އެކަމަކު އެއިން ކަމަކާ ދެކޮޅަށް އެއްވެސް ކަމެއް ނުކުރާ ކަމަށް ޖަމީލު އަބަދު ވެސް ތުހުމަތުކުރައްވަ އެވެ. އަދި ފަހަކަށް އައިސް ރާއްޖޭގައި އިސްލާމް ދީނާ ހިލާފު ފާހިޝް އެތައް ކަމެއް ހިނގަމުންދާ އިރު، އެއިން ކަމަކާ ދެކޮޅަށް ވެސް ސަރުކާރުން އެކަށީގެންވާ މަސައްކަތްތަކެއް ނުކުރައްވާ ކަމަށް ޖަމީލު ވިދާޅުވެ އެވެ.