Last Updated: August 18, 08:36
Thursday, August 18, 2022
ޚަބަރު

ނަޝީދު ރަނގަޅު ވާނީ ފިލްމު ކުޅެން: މޮސްޓާ

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ނުކުންނެވުނީ ނުބައި ދާއިރާއަކަށް ކަމަށާއި އެ މަނިކުފާނު ރަނގަޅުވާނީ ފިލްމު ކުޅެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުالله (މޮސްޓާ) ވިދާޅުވެއްޖެ އެވެ.

އިނގިރޭސިވިލާތުގައި ނަޝީދުގެ ފޯނު ފޭރިގަތް ކަމަށް ބުނެ އާންމުވި ވާހަކަތަކާ ގުޅިގެން އެއީ އަނެއްކާ ވެސް ބައެއްގެ ސަމާލުކަން ހޯދަން ދެއްކި ހަގީގަތެއް ނެތް ވާހަކައެއްގެ ގޮތުގައި ސިފަކުރައްވާ ކަހަލަ މޭރުމަކުން މޮސްޓާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނަޝީދު ފިލްމީ ދާއިރާ އިން ކުރިއަށް ދިއުން މާ ރަނގަޅުވާނެ ކަމަށެވެ.

ނަޝީދުގެ ފޯނު ފޭރުނު ވާހަކަ ރޭ އާންމުކުރީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އެވެ. ނަޝީދުގެ ދަރިކަނބަލުންނާ ހަވާލާދީ އީވާ ވިދާޅުވީ ލަންޑަންގެ ރެސްޓޯރަންޓެއްގައި ކާން ތިއްބަވައި މީހަކު ކުއްލިއަކަށް ނަޝީދު ފޯނު ފޭރިގެން ގޮސްފައިވާ ކަމަށެވެ.

ނަޝީދުގެ ފޯނު ފޭރިގަތް ވާހަކަ ތިލަކޮށްފައި މި ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ބަދުއަހުލާގީ ހަތަރު ފޮޓޯއެއް ލިބިފައިވާ ކަމަށް ނަޝީދު ވިދާޅުވެފައިވާ ވަގުތެއްގަ އެވެ. ނަމަވެސް ފޯނު ފޭރިގަތް ވާހަކަ ގިނަ ބަޔަކު މިހާރު ސިފަކުރަނީ އަނެއްކާ ވެސް ނަޝީދު ކުޅުއްވަން އުޅުއްވާ "ޗަރުކޭހެއް" ގެ ގޮތުގަ އެވެ.

މިކަމާ ގުޅިގެން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް (ރޮޒޭ) ވިދާޅުވީ މިއީ ގަރުނުގެ ބޮޑު ޖޯކް ކަމަށެވެ.