Last Updated: July 5, 20:34
Saturday, July 5, 2025
މުނިފޫހިފިލުވުން

އެކްޓަރު މިތިލޭޝް މަރުވެއްޖެ

ވަރަށް ގިނަ ފިލްމުތަކުގައި މަސައްކަތްކޮށްފައިވާ އިންޑިއާގެ ތަޖުރިބާކާރު އެކްޓަރު މިތިލޭޝް ޗަތުރަވެދީ މަރުވެއްޖެ އެވެ.

މީޑިއާތަކުން ބުނީ ހާޓްއެޓޭކެއްގައި 67 އަހަރުގެ އެކްޓަރު މަރުވީ މިއަދުގެ ވަރަށް ހެނދުނުގެ ވަގުތެއްގައި ކަމަށެވެ. މިތިލޭޝްގެ މަރާ ގުޅިގެން ޑައިރެކްޓަރު ހެންސަލް މެހެތާގެ އިތުރުން އެތައް ބަޔަކު މިހާރު އަންނަނީ ސޯޝަލް މީޑިއާގައި ހިތާމަ ފާޅުކުރަމުންނެވެ.

މަޝްހޫރު އެތައް ތަރިންގެ ފިލްމުތަކެއްގައި އޭނާ މަސައްކަތްކޮށްފައިވެ އެވެ. އެގޮތުން މިތިލޭޝްގެ ފާހަގަކޮށްލެވޭ ބައެއް ފިލްމުތަކުގެ ތެރޭގައި "ސަތިއާ"، "ގަދަރު: އޭކް ޕްރޭމް ކާތާ"، "އަޝޯކާ: ދަ ގްރޭޓް"، "ބަންޓީ އޯތް ބަބްލީ"، "ކޮއި…މިލް ގަޔާ"، "ކްރިޝް"، ރެޑީ" އަދި "އަޖަބް ޕްރޭމް ކީ ގަޒަބް ކަހާނީ" ފަދަ އެތައް ފިލްމެއް ހިމެނެ އެވެ.

ބެލުންތެރިންގެ ވަރަށް ބޮޑު ތަރުހީބެއް ލިބުނު ހެންސަލްގެ 2020 ގެ ވެބް ސީރީޒް "ސްކޭމް: ދަ ހަރުޝަދު މެހެތާ ސްޓޯރީ" އަކީ ވެސް މިތިލޭޝް މުހިއްމު ރޯލެއް ކުޅުނު އެއްޗެކެވެ.

ފިލްމުތަކުގެ އިތުރުން މިތިލޭޝް އަކީ ޓީވީ ސިލްސިލާތަކެއް ވެސް ކުޅެފައިވާ މީހެކެވެ.