Last Updated: July 13, 13:32
Sunday, July 13, 2025
ޚަބަރު

ފޯނު ފޭރިގަތީ ފިލްމީ މަންޒަރެއް ގޮތަށް: ނަޝީދު

އިނގިރޭސިވިލާތުގައި ފޯނު ފޭރިގަތް ހާދިސާ ފިލްމީ މަންޒަރެއްގެ ގޮތުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ސިފަކުރައްވައިފި އެވެ.

ނަޝީދުގެ ފޯނު ފޭރިގަތް ކަމަށް ވަނީ ލަންޑަންގެ ރެސްޓޯރަންޓެއްގައި އިއްޔެ ދަރިކަނބަލުންނާ އެކު މެންދުރުގެ ފަރިއްކޮޅެއްގައި ތިއްބަވަނިކޮވެ. އެ ހާދިސާއާ ބެހޭ ގޮތުން ނަޝީދު "މިހާރު" ނޫހަށް މިއަދު ވިދާޅުވެފައި ވަނީ ފޯނު ފޭރުނީ އެ ބޭފުޅުން ތިއްބެވި ރެސްޓޯރަންޓް ހިސާބުގައި ސަލާން ޖަހަން އުޅުނު މީހެއް ކަމަށެވެ. އަދި އެ މީހާ ރެސްޓޯރަންޓް ތެރޭގައި "ފޭރުނީ" ސަލާންޖަހާ ކަމަށް ހަދާފައި ކުއްލިއަކަށް ކަމަށް ނަޝީދު ވިދާޅުވި އެވެ. އެ ހާދިސާ ހިނގި އިރު ތަންކޮޅެއް ދުރުގައި އެމްއެންޑީއެފްގެ ސެކިއުރިޓީ ވެސް ހުންނެވި ކަމަށް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި އެ މީހާ އަށް ފައިސާކޮޅެއް ދޭން އުޅެނިކޮށް ފޯނު "ޖަހައިގަނެގެން" ދުއްވައިގަތުމުން ދަރިކަނބަލުން ވެސް އެގޮތަށް ވިދާޅުވި އެވެ. އަދި މި ހާދިސާ ނަޝީދު ސިފަކުރެއްވީ ފިލްމުތަކުން ވެސް ފެނިވަޑައިގަންނަވާ ކަހަލަ މަންޒަރެއްގެ ގޮތުގަ އެވެ.

ނަޝީދުގެ ފޯނު ފޭރިގަތް ވާހަކަ ދެކެވެން ފަށާފައި މި ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ބަދުއަހުލާގީ ހަތަރު ފޮޓޯއެއް ލިބިފައިވާ ކަމަށް ނަޝީދު ވިދާޅުވެފައިވާ ވަގުތެއްގަ އެވެ. ނަމަވެސް ފޯނު ފޭރިގަތް ވާހަކަ ގިނަ ބަޔަކު ސިފަކުރަނީ އަނެއްކާ ވެސް ނަޝީދު ކުޅުއްވަން އުޅުއްވާ "ޗަރުކޭހެއް" ގެ ގޮތުގަ އެވެ.

ނަޝީދު އިނގިރޭސިވިލާތަށް މީގެ ހަފުތާއެއްހާ ދުވަސް ކުރިން ވަޑައިގެންނެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ސީޝެލްސް އަށް ކުރެއްވި ރަސްމީ ދަތުރެއް ނިންމަވާލެއްވުމަށް ފަހު އެވެ. ނަޝީދުގެ ދަރިކަނބަލުން މީރާ ލައިލާ ނަޝީދަކީ އިނގިރޭސިވިލާތުގައި ތައުލީމު ހާސިލުކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.