ކުޅުނު ފުރަތަމަ ހިންދީ ފިލްމު "ލާލް ސިންގް ޗައްޑާ" މި މަހުގެ 11 ގައި ރިލީޒްކުރާތީ އެ ދުވަހަކީ ކެރިއަރުގެ ވަރަށް ބޮޑު ދުވަހެއް ކަމަށް މަޝްހޫރު ތެލެގޫ އެކްޓަރު ނާގަ ޗައިތަނިއާ (ޗޭ) ބުނެފި އެވެ.
އާމިރު ޚާނާއި ކަރީނާ ކަޕޫރް ލީޑް ރޯލު ކުޅެފައިވާ ފިލްމުގައި ޗޭ ކުޅެފައި ވަނީ ބަލަރާޖޫ "ބާލާ" ބޯދީ ކިޔާ ސިފައިންގެ މީހެއްގެ ރޯލެވެ. މިއީ މާ ބޮޑު ނޫން ސަޕޯޓިން ރޯލަކަށް ވިޔަސް ހޮލީވުޑްގެ 1994 ގެ ފިލްމު "ފޮރެސްޓް ގަމްޕް" އަށް ބިނާކޮށް ހަދާފައިވާ ފިލްމުގެ ވާހަކައިގެ މުހިއްމު ކެރެކްޓާއެކެވެ.
އެހެންވެ "ލާލް ސިންގް ޗައްޑާ" އަކީ ޗޭ ހިންދީ ފިލްމަކުން ފެންނާނެ ފުރަތަ ފަހަރެވެ. އޭނަގެ ބައްޕަ މަޝްހޫރު އެކްޓަރު ނާގުރްޖުނާ އަކިނޭނީ އަކީ ހިންދީ ފިލްމުތަކެއް ކުޅެފައިވާ އެކްޓަރެކެވެ. މި އަހަރުގެ ސެޕްޓެމްބަރު 9 ގައި ރިލީޒްކުރާ އާލިއާ ބަޓާއި ރަންބީރް ކަޕޫރްގެ "ބުރައްމަސްތުރާ" ގެ ރޯލަކުން ނާގުރްޖުނާ ފެންނާނެ އެވެ.
އަލަތު ހިންދީ ފިލްމާ ބެހޭ ގޮތުން ޗޭ ބުނީ މިހާރު ކެތްތެރި ކަމެއް ނެތި އިންތިޒާރުކުރެވެނީ މި މަހުގެ 11 އަށް ކަމަށެވެ.
"އެ ދުވަހު ލާލް ސިންގް ޗައްޑާ ރިލީޒްވުމާ އެކީ އެ ބަލާފައި އަހަންނާ ބެހޭ ގޮތުން މީހުން ރިއެކްޓްކުރާނެ ގޮތެއް ބަލަން ވަރަށް ބޭނުން. އެހެންވެ މި މަހުގެ 11 އަކީ ކެރިއަރުގެ ވަރަށް ބޮޑު ދުވަހެއް،" މަޝްހޫރު ތެލެގޫ ބަތަލާ ސަމަންތާ ރޫތު ޕްރަބޫގެ ކުރީގެ ފިރިމީހާ ބުންޏެވެ. "ވަރަށް އުންމީދުކުރަން ބެލުންތެރިންނަށް އަހަރެންގެ ރޯލު ކަމުދާނެ ކަމަށް. އަދި އޯޑިއަންސް އަހަރެން ބަލައިގަންނާނެ ކަމަށް. އެހެންވެެއްޖެ އެއީ ވަރަށް ބޮޑު ހިތްވަރަކަށް ވާނެ."
ޗޭ ބުނި ގޮތުގައި އޭނަ ކުރިއަށް އޮތް ތަނުގައި ހިންދީ ފިލްމުތަކުން ފެނުމާއި ނުފެނުން ވެސް ބިނާ ވަނީ "ލާލް ސިންގް ޗައްޑާ" ގައި ކުޅުނު ކެރެކްޓާ ބެލުންތެރިން ބަލައިގަންނާނެ ގޮތަކަށެވެ.
"އޭރުން ދެން އަޅާނެ ފިޔަވަޅެއް އެނގޭނީ." ޗޭ ބުންޏެވެ.
މި ހަފުތާގެ ތެރޭގައި އޭނަ، ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީއާ ބައްދަލުކޮށްފައިވެ އެވެ. އެހެންވެ މި ދެ މީހުން ޕްރޮޖެކްޓަކަށް ތައްޔާރުވާކަމުގެ ވާހަކަތަކެއް ވެސް މިހާރު އަންނަނީ ދެކެވެމުންނެވެ. އެކަމާ ބެހޭ ގޮތުން ސުވާލުކުރުމުން 35 އަހަރުގެ އެކްޓަރު ބުނީ އެއީ ހަމައެކަނި "ކެޝުއަލް" ބައްދަލުވުމެއް ކަމަށެވެ.
"އަހަރެން އެކީގައި މަސައްކަޔްކުރަން ވަރަށް ބޭނުންވާ ޑައިރެކްޓަރުން އެބަތިބި. އެހެންވީމަ އެއިން މީހަކު ގޮވާލާ ކޮންމެ އިރަކަށް އަހަރެން ހުންނާނީ ތައްޔާރަށް،" ޗޭ ބުންޏެވެ. "އުންމީދުކުރަން ކުރިއަށް އޮތް ތަނުގައި އިތުރު މަސައްކަތްތަކެއް ބޮލީވުޑްގައި ކުރެވޭނެ ކަމަށް."
އޭނަ ބުނި ގޮތުގައި "ލާލް ސިންގް ޗައްޑާ" އިން ފުރުސަތު ލިބުމުގެ ކުރިން ވެސް ބޮލީވުޑުން ހުށަހެޅުންތަކެއް ލިބުނެވެ. އެކަމަކު އެއްވެސް އެއްޗަކަށް އެއްބަސްނުވީ ހިންދީ ބަސް ރަނގަޅަށް ނޭނގޭތީ ކަމަށް ބުންޏެވެ. އަދި އާމިރުގެ ފިލްމުގައި ކުޅުނު ކެރެކްޓާ އަކީ ދެކުނުގެ ސްޓައިލްގައި ވާހަކަ ދައްކަން ޖެހޭ ކެރެކްޓާއަކަށްވުމުން އެ ރޯލާ ހަވާލުވީ ކަމަށް ބުންޏެވެ.
"އަނެއްކާ މީގެ މަސައްކަތުގެ ތެރެއިން އާމިރުގެ ފަރާތުން ލިބުނު މޯޓިވޭޝަން ބޮޑު. އެހެންވީމަ އަމިއްލަ ނަފުސަށް އޮތް އިތުބާރު ވެސް މިހާރު ކުރިއަށް ވުރެ ބޮޑުވެއްޖެ." ޗޭ ބުންޏެވެ.