Last Updated: May 1, 20:45
Wednesday, May 1, 2024
ދުނިޔެ

އޭސީ 27 ޑިގްރީ އަށް ވުރެ ދަށްކުރުން މަނާ!

ޔޫރަޕްގެ ގައުމުތަކަށް މިހާރު ކުރިމަތިވެފައިވާ ހޫނުގަދަވުމުގެ މައްސަލަތަކާ ހެދި ހަކަތަ އަށް ހޭދަވާ މިންވަރު ވަަރަށް ބޮޑަށް މަތިވަމުންދާތީ ސްޕެއިންގެ އާންމު ތަންތަނުގައި ހުންނަ އޭސީގެ ފިނިހޫނުމިން 27 ޑިގްރީ އަށް ވުރެ ދަށްކުރުން މަނާކޮށްފި އެެވެ.

މިގޮތަށް ނިންމާފައި ވަނީ އަންގާރަ ދުވަހު ސަރުކާރުން ނެރެ، ގެޒެޓްކުރި ގަރާރަކުންނެވެ. އަދި އެގޮތަށް އަންނަ ހަފުތާއިން ފެށިގެން އޮފިސްތަކާއި ފިހާރަތަކާއި ތިއޭޓަރުތަކާއި އެއާޕޯޓްތަކާއި ބާތަކާއި އަދި ރޭލު ސްޓޭޝަންތަކުން ވެސް އަމަލުކުރަން ލާޒިމުވާނެ އެވެ. މީގެ އިތުރުން ކުރިއަށް އޮތް ފިނިމޫސުމުގެ ތެރޭގައި ސްޕެއިންގެ ހުރިހާ ގޭބިސީތަކުން ހީޓަަރުގެ ހޫނުމިން 19 ޑިގްރީ ސެލްސިއަސް އަށް ވުރެ މަތިނުކުރަން ވެސް ވަނީ އަންގައިފަ އެވެ.

ސަރުކާރުން ބުނި ގޮތުގައި ހަކަތަ އަށް ހޭދަވާ މިންވަރު ކޮންޓްރޯލްކުރުމަށްޓަކައި އަމަލުކުރަން ނިންމި އުސޫލު އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ ފިނި މޫސުމާ ހަމައަށް ދެމިގެން ދާނެ އެވެ. އެހެންވެ މިހާރު އިއުލާންކުރި އުސޫލުތަކަށް ހުރިހާ ރައްޔިތުން އަމަލުކުރަން ސަރުކާރުން އެދިފައިވެ އެވެ.

ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭވް ވަނީ ހޫނުވެގެން އުޅުން ކުޑަކުރުމަށްޓަކައި އޮފީސްތަކުގެ މުވައްޒަފުން ޓައި ނޭޅުމަށް ވެސް އެދިވަޑައިގެންފަ އެވެ.

"ސަރުކާރާއި ޕްރައިވެޓް އޮފީސްތަކުގެ ވެރިންނާއި މުވައްޒަފުންގެ ކިބައިން ވެސް އެދެން ކޮންމެހެން ޓައި އަޅަން މަޖުބޫރުވާ ހާލަތްތަކުގައި ނޫނީ ޓައި ނޭޅުމަށް." އޭނާ ވިދާޅުވި އެވެ. "މީގެ ސަބަބުން ވެސް ހޫނުވެގެން އުޅެން ޖެހުން ކުޑަކުރެވޭނެ."

ޔޫރަޕްގެ ގައުމުތަކުގެ ހޫނުމިން މި ފަހުން ވަރަށް ބޮޑަށް މަތިވެފައިވާ އިރު، ރަޝިއާ އިން ޔުކްރޭނާ ދެކޮޅަށް ފެށި ހަނގުރާމައާ ގުޅިގެން ޔޫރަޕްގެ ވަރަށް ގިނަ ގައުމުތަކުން ރަޝިއާ އިން ގޭސް ސަޕްލައިކުރުން ހުއްޓާލުމާ ގުޅިގެން ހަކަތަ އަށް ކުރަން ޖެހިފައިވާ ހޭދަ އިރުވެ، މިކަމުގެ ދަތިކަން ވެސް ކުރިމަތިވެފައިވެ އެވެ.