Last Updated: April 24, 16:49
Wednesday, April 24, 2024
ކުޅިވަރު

ފްރެންޑްސް އަތުން އަފިރިންނަށް މޮޅެއް

އައްޑޫ ފޭދޫގެ ފާހި ސްޕޯޓްސް ކްލަބުން އިންތިޒާމުކޮށްގެން ބާއްވާ "ފޭދޫ ސޮކާ ކަޕް"ގައި މިއަދު ކުޅުނު މެޗުން އެފްސީ އަފިރިން މޮޅުވެއްޖެ އެވެ.

މުބާރާތުގެ މިއަދު ކުޅުނު މެޗު އެފްސީ އަފިރިން ކާމިޔާބުކުރީ ފްރެންޑްސް ކްލަބާއި ބައްދަލުކޮށް 2-1 އިންނެވެ.

ހިތަދޫ ސްޓޭޑިއަމްގައި ކުރިއަށްދާ މި މުބާރާތުގައި މިއަދު ކުޅުނު މެޗުގައި އަފިރިން ޓީމުގެ ދެ ގޯލު ކާމިޔާބުކޮށްދިނީ ހަސަން ޒައިދާން އާއި ހުސެއިން ޝާމިން އެވެ. ފްރެންޑްސް ކްލަބުގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ އަހުމަދު ޒަޔާން ރިޔާޒެވެ.

މި މުބާރާތުގައި ބައިވެރިވެފައިވަނީ ޖުމްލަ ހަތަރު ޓީމަކުންނެވެ. އެގޮތުން މުބާރާތް ކުރިއަށްދާނީ ލީގު އުސޫލުން ކަމަށްވާއިރު ފައިނަލަށް ދަތުރުކުރާނީ ލީގު ބުރުގައި އެންމެ ގިނަ ޕޮއިންޓު ހޯދާ ދެ ޓީމެވެ.

މުބާރާތުގައި ވާދަކުރާ ޓީމުތަކަކީ އެފްސީ އަފިރިން، މައިލޯ އެފްސީ، އެފްސީ ޒެފިއާ އަދި ފްރެންޑްސް ކްލަބެވެ.

މި މުބާރާތަކީ އައްޑޫގެ ޒުވާނުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އަށަގެނުވައި، ފުޓްބޯޅައިގެ ރޫހު އާލާކޮށް، އައްޑޫގައި ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިން އުފެއްދުމުގެ މަގުސަދުގައި ބާއްވާ މުބާރާތެކެވެ.

މި މުބާރާތުގެ ޕާޓްނަރުންގެ ގޮތުގައި ހަމަޖައްސާފައިވަނީ ފޭދޫ އަވަށު އޮފީސް ކޮންޓްރޯލް ޕީ އާއި ދިރާގު އަދި ހެޕީ މާކެޓެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރަކީ އައްޑޫ ލައިވް އެވެ.