Last Updated: April 18, 22:36
Thursday, April 18, 2024
ޚަބަރު

އެމްޓީސީސީން އަންނަ އަހަރު 4 އެއާޕޯޓް ނިންމަނީ

ފަރެސްމާތޮޑާ އެއާޕޯޓުގެ މަސައްކަތް ކުރަނީ

އަންނަ އަހަރުގެ އޮގަސްޓު މަހުގެ ނިޔަލަށް ހަތަރު އެއާޕޯޓެއް ނިންމަން މަސައްކަތް ކުރަމުންދާ ކަމަށް އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

ރޭ "ރާއްޖެޓީވީ"ގައި ވާހަކަދައްކަމުން އާޒިމް ވިދާޅުވީ އަންނަ އަހަރުގެ އޮގަސްޓާއި ހަމައަށް އެމްޓީސީސީ އަށް ހަތަރު އެއާޕޯޓެއްގެ މަސައްކަތް ނިންމާލެވޭނެ ކަމަށް ވަރަށް ބޮޑަށް އުއްމީދު ކުރެވޭ ކަމަށެވެ. އެ އެއާޕޯޓުތަކަކީ ފަރެސްމާތޮޑާ އެއާޕޯޓާއި، މުލީ އެއާޕޯޓާއި، އަލިފުށި އެއާޕޯޓުގެ އިތުރުން އިތުރު އެއާޕޯޓެއްގެ މަސައްކަތް އައިސްފިނަމަ އެ އެއާޕޯޓެއް ކަމަށް އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ އެމްޓީސީސީން ހުރިހާ ރަށެއްގައި ވެސް މަސައްކަތްތައް ބާރަށް ކުރިއަށްގެންދާ ކަމަށާއި ނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުން ބައެއް ގޮންޖެހުންތައް އެބަހުރި ކަމަށެވެ. އެގޮތުން ކަނޑު ގަދަވެގެން ރާއްޖޭން ބޭރުން އެއްޗެހި ނުގެނެވުމާއި އަދި މޫސުން ގޯސްވުމުގެ ސަބަބުން ގެނެވޭ އެއްޗެހި ބޭލުމުގައި ވެސް ދަތިކަން ހުރި ކަމަށް އާޒިމް ވިދާޅުވި އެވެ.

"މިއީ އަޅުގަނޑުމެން އަންދާޒާކޮށްފައި ހުރި ކަންތައްތަކެއް، އެހެންވީމަ އެއަށް ބަލައިގެން މަސައްކަތް ކުރަމުންދަނީ. ޖުމްލަ ގޮތެއްގައި ގިނަ މަސައްކަތްތައް އެބަ ހިނގާ، ނަމަވެސް ބައެއް ދިމާތައް އެބައުޅޭ ވަރަށް ބޮޑަށް ސްލޯވެގެން އެބަދޭ މިކަމާ ހުރެ." އާޒިމް ވިދާޅުވި އެވެ.

އެމްޓީސީސީން ދާދިފަހުން އަލިފުށި އެއާޕޯޓުގެ އަމަލީ މަސައްކަތް ފަށާފައިވާއިރު އެ ރަށުގެ ބިން ހިއްކުމުގެ މަސައްކަތް ވެސް އެ ކުންފުނިން އަންނަނީ ކުރަމުންނެވެ.

ވޭތުވެދިޔަ ތިން އަހަރުތެރޭ އެމްޓީސީސީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫޢުތަކެއް ނިންމާފަ އެވެ.