Last Updated: June 30, 20:43
Monday, June 30, 2025
މުނިފޫހިފިލުވުން

ޝާހިދާ އެކީ އަލަށް ކްރިތީ

މިހާތަނަށް އަދި ސްކްރީނުން އެކީގައި ފެނިފައިވާ ޝާހިދު ކަޕޫރާއި ކްރިތީ ސެނަންގެ ޖޯޑު ބޮޑު ސްކްރީނަށް ގެންނަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މީޑިއާތަކުން ބުނި ގޮތުގައި މިއީ ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސް އަށް ޝާހިދު އަލަށް ކުޅޭ ވަރަށް ތަފާތު ލޯބީގެ ވާހަކައަކަށް ހަދާ ފިލްމެވެ. އެގޮތުން އަދި ނަން އިއުލާން ނުކުރާ ފިލްމުގައި ކްރިތީ ކުޅޭނީ ރޮބޮޓެއްގެ ރޯލު ކަމަށާއި މިއީ ރޮބޮޓަކާއި އިންސާނަކާ ދެމެދު އުފެދޭ ލޯބީގެ ކަންތައްތައް ފެނިގެންދާނެ ފިލްމެއް ކަމަށް ބުންޏެވެ.

މެޑޮކް ފިލްމްސް އަށް ޝާހިދު ކުޅޭ ފިލްމުގެ ބަތަލާއަކަށް ކްރިތީ ހަމަޖެއްސި އިރު، ހުނަރުވެރި ޒުވާން ބަތަލާ އަކީ މިހާރު ވެސް އެ ސްޓޫޑިއޯގެ ފެވަރިޓެކެވެ. ކްރިތީގެ "މިމީ" އާއި "ލުކާ ޗުޕީ" އާއި "ރާބްތާ" އަދި "ހަމް ދޯ ހަމާރޭ ދޯ" ފަދަ ފިލްމުތަކަކީ މެޑޮކްސްގެ ފިލްމުތަކެވެ.

ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި ޝާހިދާއި ކްރިތީގެ ފިލްމުގެ ޑައިރެކްޓަރަކީ އަލަށް ޑައިރެކްޝަނަށް ނުކުތް އަމިތު ޖޯޝީ އެވެ. އޭނަ އަކީ އަންނަ ސެޕްޓެމްބަރު މަހު ޑައިރެކްޓަރު މަދޫރް ބަންޑާކަރް ގެނެސްދޭން ހަމަޖެހިފައިވާ "ބަބްލީ ބައުންސާ" ގެ ސްކްރީން ރައިޓަރެވެ.

ޝާހިދާއި ކްރިތީގެ ފިލްމުގެ ވާހަކަ މީޑިއާތަކުން ތިލަކުރި ނަމަވެސް މި ފިލްމު އަދި މެޑޮކް ފިލްމްސް އިން ރަސްމީކޮށް އިއުލާނެއް ނުކުރެ އެވެ. އެކަމަކު މީގެ ހަފުތާއެއްހާ ދުވަސް ކުރިން ޕްރޮޑިއުސަރު ދިނޭޝްއާ އެކީ ޝާހިދު ބައްދަލުކޮށްފައިވާތީ އޭނާ ފިލްމަށޢް ސޮއިކޮށްފައިވާކަން މިހާރު ކަށަވަރު ކަމަށް މީޑިއާތަކުން ބުނެ އެވެ.