Last Updated: April 26, 10:52
Friday, April 26, 2024
ޚަބަރު

ހައިވަކަރު އަހުމަދުފުޅު އަވަހާރަވެއްޖެ

އައްޑޫގެ އަތޮޅުވެރިކަން ވެސް ކުރެއްވި ހައިވަކަރު އަހުމަދުފުޅު މިއަދު އަވަހަރާވެއްޖެ އެވެ.

އާލާސްކަންފުޅާ އުޅުއްވާތާ ގިނަ ދުވަސްތަކެއް ފަހުން އޭނަ އަވަހާރަވީ މިއަދުގެ ފަތިހުގެ ވަގުތެއްގަ އެވެ. ހައިވަރަކު އަހުމަދުފުޅަކީ ދައުލަތަށް ގިނަ ދުވަހު ހިދުމަތްކުރެއްވި ބޭފުޅެއްގެ އިތުރުން ރާއްޖޭގެ ކުޅިވަރު ދާއިރާގެ ތެރެއިން ވެސް ވަރަށް ފާހަގަކޮށްލެވުނު ޝަހުސިއްޔަތެކެވެ. ރާއްޖޭގެ ކުރީގެ މަޝްހޫރު ކޯޗް މައުރޫފު އަހުމަދު (މާއްޓޭ) އަކީ އަހުމަދުފުޅުގެ ބޭފުޅެކެވެ.

ދިވެހި ރާއްޖޭގެ އަޑުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރެއްވި އަދި އެ އަޑެއް ދިވެހިންގެ ތެރޭގައި ވަރަށް ބޮޑު މަޝްހޫރުކަމެއް ހޯދި ނަޖުމާ އަހުމަދަކީ އަހުމަދުފުޅުގެ އަނބިކަނބަލުންނެވެ. މި އާއިލާގެ ބޭފުޅުންނަކީ އެކި ދާއިރާތަކުން ރާއްޖޭގައި ފާހަގަކޮށްލެވޭ ބޭބޭފުޅުންނެވެ. އެގޮތުން ޑައިރެކްޓަރު އަދި ސްކްރީން ރައިޓަރު މަހުދީ އަހުމަދަކީ ވެސް އަހުމަދުފުޅުގެ ބޭފުޅެކެވެ.

އަހުމަދުފުޅު އެންމެ ގިނަ ދުވަހު މަސައްކަތް ހިދުމަތްކުރެއްވީ ސިފައިންގޭގަ އެވެ. އެގޮތުން 25 އަހަރު ސިފައިންގޭގެ ހިދުމަތުގައި އުޅުއްވުމަށްފަހު ކެޕްޓަން ރޭންކުގައި ވަޒީފާއިން ވަކިވެވަޑައިގަތީ 1978 ގަ އެވެ.

އައްޑޫގެ އިތުރުން އޭނަ އަތޮޅުވެރިކަން ކުރެއްވި އަތޮޅުތަކުގެ ތެރޭގައި ޅ. އަތޮޅާއި މ. އަތޮޅު ހިމެނެ އެވެ. މީގެ އިތުރުން ދައުލަތުގެ ވެސް އެކި އިދާރާތަކުގައި އިސް މަގާމުތަކެއް އަހުމަދުފުޅު އަދާކުރައްވާފައިވެ އެވެ