އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ފިލްމު "ފައިޓާ" ގެ ޝޫޓިން ފަށަން ހަމަޖެހިފައިވާތީ ފިލްމަށް ރިތިކް ރޯޝަން ތައްޔާރުވާން ފަށައިފި އެވެ.
ސިދާތު އާނަންދު ޑައިރެކްޓްކުރާ މި އެކްޝަން އޭރިއަލް ތުރިލާ އަށް ތައްޔާރުވުމުގެ ގޮތުން ހަށިގަނޑަށް ގެންނަން ޖެހޭ ބަދަލުތައް ގެންނަން ރިތިކް ވަނީ ހާއްސަ ޓްރޭނިންތަކެއް ފަށައިފަ އެވެ. މި ޓްރޭނިންގެ ތެރެއިން ނަގާފައިވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ވެސް ހިއްސާކޮށް އޭނާ ބުނީ މިހާރު އުޅެނީ "ފައިޓާ މޯޑް" ގައި ކަމަށެވެ.
"ފައިޓާ" އަކީ ރިތިކާއި ދީޕިކާ ޕަދްކޯންގެ ޖޯޑު ބޮޑު ސްކްރީނަށް ގެންނަ ފުރަތަމަ ފިލްމު ވެސް މެ އެވެ. މީގެ ކާސްޓްގައި އަނިލް ކަޕޫރް ވެސް ހިމެނޭ އިރު، ފިލްމު ރިލީޒްކުރަން ހަމަޖެހިފައި ވަނީ އަންނަ އަހަރު އެވެ.
"ފައިޓާ" އަކީ ސިދާތާ އެކީ ރިތިކް މަސައްކަތްކުރާ ތިން ވަނަ ފިލްމެވެ. މި ދެ މީހުން އެކީގައި ގެނެސްދިން ފިލްމުތަކަކީ 2019 ގެ "ވޯ" އާއި 2014 ގެ "ބޭންގް ބޭންގް" އެވެ. ރިތިކްގެ ދެން އެންމެ އަވަހަށް ރިލީޒްވާން އޮތް ފިލްމަކީ ސެޕްޓެމްބަރު 30 އަށް ތާވަލުކޮށްފައި އޮތް "ވިކްރަމް ވޭދާ" އެވެ.
ސިދާތު ބެލުންތެރިންނަށް އަންނަ އަހަރު ގެނެސްދޭނެ ފުރަތަމަ ފިލްމަކީ ޖެނުއަރީ 25 އަށް ތާވަލުކޮށްފައި އޮތް "ޕަތާން" އެވެ. މީގެ ތަރިންނަކީ ޝާހްރުކް ޚާނާއި ދީޕިކާގެ އިތުރުން ޖޯން އަބްރަހަމެވެ.