Last Updated: March 29, 02:52
Friday, March 29, 2024
ކުޅިވަރު

ކުކުރެލާ ޗެލްސީ އަށް ސޮއިކޮށްފި

ބްރައިޓަން އަށް ކުޅެމުން އައި ސްޕެއިންގެ ފުލްބެކް، މާކް ކުކުރެލާ ޗެލްސީ އަށް ސޮއިކޮށްފި އެވެ.

ކުކުރެލާ ،24، ޗެލްސީ އަށް ސޮއިކުރީ 62 މިލިއަން ޕައުންޑްގެ އަގަކަށް ހަ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ކުކުރެލާ އަކީ ބްރައިޓަންގެ ތާރީހުގައި ވެސް އެންމެ ބޮޑު އަގެއްގައި ވިއްކި ކުޅުންތެރިއާ އެވެ.

މިދިޔަ އަހަރު ސްޕެއިންގެ ގެޓާފޭ އިން ބްރައިޓަން އަށް ބަދަލުވި ކުކުރެލާ ވަނީ މިދިޔަ ސީޒަނުގައި އެ ޓީމުގައި މޮޅު ކުޅުމެއް ދައްކާފަ އެވެ. އެގޮތުން މިދިޔަ ސީޒަނުގެ ބްރައިޓަންގެ އެންމެ މޮޅު ކުޅުންތެރިއާގެ މަގާމު ވެސް ހޯދީ ކުކުރެލާ އެވެ.

މިދިޔަ ސީޒަނުގައި ދެއްކި ކުޅުމާއެކު އޭނާ ހޯދަން މެންޗެސްޓާ ސިޓީން ވެސް މި ޓްރާންސްފާ މާކެޓުގައި މަސައްކަތްކޮށްފައިވެ އެވެ. ނަމަވެސް ބްރައިޓަން އިން ކުކުރެލާ އިން ވިއްކަން ނިންމާފައިވާ އަގު މާބޮޑުވުމުން ސިޓީން ވަނީ އޭނާ ހޯދުން ހުއްޓާލާފަ އެވެ.

ކުކުރެލާ އަކީ މި ޓްރާންސްފާ މާކެޓުގައި ޗެލްސީ އަށް ގެނައި ފަސްވަނަ ކުޅުންތެރިއާ އެވެ. މީގެކުރިން ޗެލްސީން ވަނީ ސިޓީ އަށް ކުޅެމުން އައި ރަހީމް ސްޓާލިން އާއި ނަޕޯލީގެ ޑިފެންޑަރު ކަލިދޫ ކުލިބާލީ އާއި އެސްޓަން ވިލާ އަށް ކުޅެމުންދިޔަ ޒުވާން މިޑްފީލްޑަރު ކާނީ ޗުކުމޭކާގެ އިތުރުން އެމެރިކާގެ ޒުވާން ގޯލްކީޕަރު ގެބްރިއަލް ސްލޮނީނާ އެ ކްލަބަށް ގެނެސްފަ އެވެ.

ޕްރިމިއާ ލީގުގެ އާ ސީޒަން މިރޭ ފަށާއިރު، ޗެލްސީ ކުޅޭ ފުރަތަމަ މެޗުގައި މާދަމާ ރޭ ބައްދަލުކުރާނީ އެވަޓަންއާ އެވެ.