Last Updated: April 23, 23:56
Tuesday, April 23, 2024
ކުޅިވަރު

އާސެނަލް މޮޅަކުން ލީގު ފަށައިފި

ކްރިސްޓަލް ޕެލެސް 2-0 އިން ބަލިކޮށް އާސެނަލް އިން އިނގިރޭސި ޕްރިމިއާ ލީގު މޮޅަކުން ފަށައިފި އެވެ.

ޕެލެސްގެ ދަނޑުގައި މިރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި އާސެނަލްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު މެޗު ފެށިގެން މާގިނަ އިރުތަކެއް ނުވަނީސް މާޓިނެއްލީ އަށް ވަނީ އާސެނަލް އަށް ލީޑު ނަގައިދޭން ރަނގަޅު ފުރުސަތެއް ލިބިގެން ގޮސްފަ އެވެ. ނަމަވެސް މާޓިނެއްލީ ފޮނުވާލި ހަމަލާ ދިޔައީ ގޯލާއި އަމާޒުނުވެ ބޭރަށެވެ.

އެ ފުރުސަތުގެ ބޭނުން ނުހިފުނު ނަމަވެސް މެޗުގެ 20 ވަނަ މިނެޓްގައި މާޓިނެއްލީ ވަނީ އާސެނަލް އަށް ލީޑު ނަގައިދީފަ އެވެ. މާޓިނެއްލީ މި ގޯލު ކާމިޔާބުކުރީ ޕެލެސްގެ ޕެނަލްޓީއޭރިއާ ތެރޭ ހުހަށް ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން ނަތީޖާ އެއްވަރުކޮށްލަން ޕެލެސްގެ ފޯވާޑް އެޑުއާޑަށް ހުސް ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ބޮލުން ފޮނުވާލި ހަމަލާ ދިފާއުކުރީ އާސެނަލްގެ ކީޕަރު ރަމްސްޑޭލް އެވެ.

އެއް ގޯލުގެ ލީޑަކާއެކު އާސެނަލް އިން ފުރަތަމަ ހާފް ނިންމާލިއިރު ފުރަތަމަ ހާފާއި ހިލާފަށް ދެވަނަ ހާފްގައި ޕެލެސް އިން ދިޔައީ ކުޅުން ރަނގަޅުކޮށް އާސެނަލްގެ ފަހަތަށް ބާރުބޮޑު ކުރަމުންނެވެ. އެގޮތުން ނަތީޖާ އެއްވަރުކޮށްލަން މި ހާފުގައި ޕެލެސްގެ އެޒޭ އަށް ރަނުގެ ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ހަމަލާވެސް ދިފާއުކުރީ ރަމްސްޑޭލް އެވެ.

ނަތީޖާ އެއްވަރުކޮށްލަން ޕެލެސް އަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުމުގެ ނަތީޖާއަކަށްވީ މެޗުގެ 85 ވަނަ މިނެޓްގައި އާސެނަލުން މެޗުގެ ދެވަނަ ގޯލު ކާމިޔާބު ކުރުމެވެ. އެގޮތުން މި ގޯލަކީ ޕެލެސްގެ ޑިފެންޑަރު މާކް ގުއެހީ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ.

ލީގުގައި އާސެނަލް ދެން ބައްދަލުކުރާނީ ލެސްޓަ ސިޓީއާ އެވެ. ޕެލެސް ނިކުންނާނީ ލިވަޕޫލްއާ ދެކޮޅަށެވެ.