Last Updated: May 8, 02:23
Wednesday, May 8, 2024
ރިޕޯޓް

މުޙައްރަމް މަހުގެ މާތްކަން؛ ޢާޝޫރާ ދުވަހުގެ ރޯދަ

މާތް ﷲ ވަނީ އެކިއެކި މައްސަރު މަތިވެރިކުރައްވައިފަ އެވެ. އަޅުތަކުންނަށް ހެޔޮކަންކަމާއިގެން ކުރިއަރައި ދިޔުމުގެ މަގު ތަނަވަސްކޮށްދެއްވައިފައެވެ. ކުރެވިފައިވާ ފާފަތަކުން ތައުބާވެ، އެ ފާފަތައް ފޮހެލާނޭ ހެޔޮ މައްސަރުތަކާއި އެ މައްސަރުގައި ކުރާނޭ އަޅުކަމުގެ އެކި ކަންކަން ބަޔާންކުރައްވައިފައިވެ އެވެ.

އެގޮތުން ބަލާ އިރު، މުޙައްރަމު މަހަކީ މަތިވެރިވެގެންވާ މަހެކެވެ. މުޙައްރަމް މަހަކީ ޙުރުމަތްތެރިވެގެންވާ ހަތަރު މަހުގެ ތެރޭގައި ހިމެނޭ މަހެކެވެ. ޙުރުމަތްތެރިވެގެންވާ ހަތަރު މަހުގައި އަނިޔާވެރިކަން އިސްކުރުމާއި ފާފަތައް ކުރުން ވަކީން އިތުރަށް ޙަރާމްވެގެންވެ އެވެ. އެ ކަންކަމުން ދުރުވުމަށް އިތުރަށް ބާރުއަޅުއްވައިފައިވެ އެވެ. އަދި ހެޔޮ ޢަލަމުތައް ކުރުމަށް އިތުރަށް ބާރުއަޅުއްވައިފައިވެ އެވެ. މިއީ ޤުރުއާނާއި ޞައްޙަ ސުންނަތުން ސާބިތުވާން ހުރި ކަންކަމެވެ.

މުޙައްރަމް މަހަށް ޚާއްޞަވެގެންވާ ކަންކަމަށް ބަލާއިރު، މާތް ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރައްވައިފައިވަނީ "أفضل الصيام بعد رمضان شهر الله المحرَّم" (مسلم)" ރަމަޟާންމަހު ހިފާ ރޯދަޔަށްފަހު ހިފޭ އެންމެ މަތިވެރި ރޯދައަކީ މާތް ﷲ ގެ މައްސަރު، އަލްމުޙައްރަމް މަހުގައި ހިފޭ ރޯދަ އެވެ."

ހުރިހާ މައްސަރަކީ ވެސް މާތް ﷲ ގެ މައްސަރެވެ. އެހެނީ، މައްސަރުތައް ލައްވައިފައިވާ ފަރާތަކީ އެ އިލާހެވެ. ނަމަވެސް ޢިލްމުވެރީން ވިދާޅުވާ ގޮތުން، މި ޙަދީޘްގައި شهر الله المحرم (މާތް ﷲ ގެ މައްސަރު، އަލްމުޙައްރަމް) މިފަދައިން އައިސްފައި އޮތީ، އެ މަހަށް އިތުރު ޝަރަފެއް ދެއްވުމުގެ ގޮތުންނެވެ. ދެން ޙަދީޘްގައި ވަނީ، މުޙައްރަމް މަހުގެ ރޯދައިގެ މަތިވެރިކަމުގެ ވާހަކަ އެވެ. ރަމަޟާންމަހުގެ ރޯދައަށް ފަހު އެންމެ މަތިވެރިވެގެންވާ ރޯދައަކީ، މި މަހުގައި ހިފާ ރޯދަ ކަމުގެ ވާހަކަ އެވެ.

މުޙައްރަމް މަހަކީ ޢާޝޫރާ ދުވަސް ވެސް އެ މަހެއްގައި ހިމަނުއްވައިފައިވާ މަހެވެ. ޢާޝޫރާ ދުވަހަކީ މުޙައްރަމް މަހުގެ ދިހަވަނަ ދުވަހެވެ. މާތް ނަބިއްޔާ صلى الله عليه وسلم މަދީނާއަށް ހިޖުރަކުރެއްވި ހިނދު، ޔަހޫދީން ޢާޝޫރާ ދުވަހު ރޯދަ ހިފާ ތަން އެކަލޭގެފާނަށް ފެނިވަޑައިގަތެވެ. އެ ކަމާ އެކަލޭގެފާނު ސުވާލުކުރެއްވުމުން އެއީ މޫސާގެފާނާއި ބަނޫ އިސްރާއީލު މީހުން ފިރްޢައުނުގެ ކިބައިން މާތް ﷲ ސަލާމަތްކުރެއްވި ދުވަސް ކަމަށް ވާތީ، އެކަމަށް ޝުކުރުވެރިވުމުގެ ގޮތުން އެބައި މީހުން ހިފަމުން އަންނަ ރޯދައެއް ކަމުގައި ދެންނެވުނެވެ.

އެ ހިނދު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. މޫސާގެފާނާ މެދު އެންމެ ޙައްޤުކަން ބޮޑީ ތިމަންކަލޭގެފާނެވެ. އެ ގޮތުން، އެ ދުވަހުގެ ރޯދަ އިސްލާމްދީނުގައި ވެސް ޝަރުޢުކުރެއްވުނެވެ. އަދި، އެއީ ފާއިތުވި އަހަރުގެ ފާފަތައް މާތް ﷲ ފުއްސަވައިދެއްވާނޭ ރޯދައެއް ކަމުގައި ލެއްވުމަށް އެކަލޭގެފާނު އުންމީދު ކުރެއްވިއެވެ. މި ތަނުގައި "އުންމީދު" ގެ މުރާދެއް ކަމަށް ޢިލްމުވެރީން ވިދާޅުވަނީ އެފަދައިން އެކަން މާތް ﷲ ލައްވައިފައިވުމެވެ.

ޢާޝޫރާ ރޯދަ ހިފިދާނޭ ހަތަރު ގޮތެއް ޢިލްމުވެރީން ބަޔާންކުރައްވަ އެވެ. އެއީ ހަމައެކަނި ޢާޝޫރާ ދުވަހު (މުޙައްރަމް މަހުގެ 10 ވަނަ ދުވަހު) ރޯދައިން ފުއްދައިލުމެވެ. ނޫނީ، އެ މަހުގެ 9 ވަނަ ދުވަހާއި 10 ވަނަ ދުވަހު ރޯދަ ހިފުމެވެ. ނޫނީ 10 ވަނަ ދުވަހާއި 11 ވަނަ ދުވަހު ރޯދަހިފުމެވެ.

ބައެއް ޢިލްމުވެރީން 11،10،9 މި ތިން ދުވަހުގައި ވެސް ރޯދަ ހިފުން ރަނގަޅު ކަމުގައި ވިދާޅުވެއެވެ. ޚުލާޞާ އަކީ، މިއިން ކޮންމެ ގޮތެއް އިޚްތިޔާރު ކުރިޔަސް، އެ މީހަކީ ޢާޝޫރާ ދުވަހު ރޯދަ ހިފި މީހެއް ކަމުގައި ވާނެ އެވެ. އަދި ޙަދީޘަށް ބަލާ އިރު، އެންމެ މޮޅުއިތުރީ، 9 ވަނަ ދުވަހާއި 10 ވަނަ ދުވަހު ރޯދަހިފުން ކަމުގައި ދެންނެވުމުގެ ފުރުޞަތު ބޮޑެވެ.

ނޯޓް: މިއީ ޝެއިހް ޝަފީއު އަބްދުﷲ ގެ ލިޔުމެކެވެ.