ބޮލީވުޑްގެ ތަރިން ކަމަށްވާ އަލީ ފަޒަލް އާއި ރިޗާ ޗައްޑާ އަންނަ ސެޕްޓެމްބަރު މަހު ކައިވެނިކުރަން ތައްޔާރީތައް ވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މި ދެ ތަރިންގެ ކައިވެނީގެ ވާހަކަ ދެކެވޭތާ ދުވަސްތަކެއްވެއްޖެ އެވެ. އެކަމަކު އެކަން ދިގުލައިގެން ދިޔައީ 2020 ގެ ކޮވިޑް-19 ގެ ބަލިމަޑުކަމާ ހެދި އެވެ. ކުރިން ނިންމީ އެ އަހަރގެ އެޕްރީލްގައި ކައިވެނިކުރާށެވެ. ނަމަވެސް ކޮވިޑްގެ ހާލަތާ ހެދި އެކި ފަހަރު މަތިން ކައިވެނި ލަސްކުރަމުން ގޮސް މި އަހަރަށް ފަސްކުރީ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން އަލީ އާއި ރިޗާ ސެޕްޓެމްބަރުގައި ކައިވެނިކުރަން އުޅޭތީ ދެ ތަރިންނާއި އެ މީހުންގެ އާއިލާތަކުން މިހާރު އަންނަނީ މިކަމުގެ ތައްޔާރީތައްވަމުންނެވެ. އަދި ވަރަށް އަވަހަށް އެކަން ރަސްމީކޮށް އިއުލާން ވެސް ކުރާނެ އެވެ.
އެކީގައި "ފުކްރޭ" ފްރެންޗައިޒްގައި ވެސް މަސައްކަތްކޮށްފައިވާ އަލީ އާއި ރިޗާ ދާދި ފަހުން ވަނީ މީގެ ތިން ވަނަ ބައިގެ ޝޫޓިން ވެސް ނިންމައިފަ އެވެ. ރިޗާ، 35، ބުނި ގޮތުގައި އަލީ، 35، ކައިވެންޏަށް ޕްރޮޕޯޒްކުރީ ދެ މީހުން އެކީގައި 2018 ގެ ތެރޭގައި ރާއްޖެ އަށް ކުރި ޗުއްޓީ ދަތުރުގެ ތެރޭގަ އެވެ.
އަލީ ފާހަގަކޮށްލެވެނީ ބޮލީވުޑްގެ ފިލްމުތަކުގެ އިތުރުން އިންޓަނޭޝަނަލް ޕްރޮޖެކްޓްތައް ވެސް ލިބޭ ތަރިއެއްގެ ގޮތުގަ އެވެ. އެގޮތުން "ފާސްޓް އެންޑް ފިއުރިއަސް 7" އާއި "ވިކްޓޯރިއާ އެންޑް އަބްދުލް" އަދި "ޑެތު އިން ދަ ނައިލް" ފަދަ ހޮލީވުޑްގެ ފިލްމުތަކުގައި މަސައްކަތްކޮށްފައިވާ އެކްޓަރުގެ ކުރިއަށް ހުރި ޕްރޮޖެކްޓްތަކުގެ ތެރޭގައި މަޝްހޫރު އެކްޓަރު ޖެރާޑް ބަޓްލާގެ "ކަންދަދާރް" ހިމެނެ އެވެ.