Last Updated: April 20, 09:47
Saturday, April 20, 2024
ކުޅިވަރު

ބާސާގެ އާ ކުޅުންތެރިން ރަޖިސްޓްރީކުރަން ދަތިތަކެއް

މި ޓްރާންސްފާ މާކެޓުގައި ބާސެލޯނާ އަށް ގެނައި ކުޅުންތެރިން ރަޖިސްޓްރީކޮށްދޭން ލަލީގާ އިން ދެކޮޅު ހަދައިފި އެވެ.

މާލީ ދަތިކަން ކުރިމަތިވެފައިވާ ބާސާ އިން ވަނީ މި ޓްރާންސްފާ މާކެޓުގައި ފަސް ކުޅުންތެރިއަކު ގެނެސްފަ އެވެ. އެއީ ބަޔާނަށް ކުޅެމުން އައި ރޮބަޓް ލެވެންޑޯސްކީ އާއި ލީޑްސް ޔުނައިޓެޑަށް ކުޅެމުން އައި ރަފީނިއާ އާއި ސެވިއްޔާ އަށް ކުޅެމުން އައި ޖޫލްސް ކޫންޑޭގެ އިތުރުން ޗެލްސީ އަށް ކުޅެމުން އައި އަންދްރޭސް ކްރިސްޓެންސަން އާއި އޭސީ މިލާނަށް ކުޅެމުން އައި ފްރޭންކް ކެސީ އެވެ.

މި ފަސް ކުޅުންތެރިން ރަޖިސްޓްރީކޮށްދޭން ލަލީގާ އިން ދެކޮޅު ހަދާފައިވަނީ ބާސާގެ ޖުމްލަ މުސާރަ ލަލީގާ އިން ކަނޑައަޅާފައިވާ ލިމިޓަށް ވުރެ އިންތިހާ އަށް ބޮޑުވެފައިވުމުންނެވެ. މި ފަސް ކުޅުންތެރިންގެ އިތުރުން ބާސާގެ ކޮންޓްރެކްޓް ދާދިފަހުން އާކުރި އޮސްމާން ޑެމްބެލޭ އާއި ސާޖީ ރޮބާޓޯ ރަޖިސްޓްރީކޮށްދޭން ވެސް ލަލީގާ އިން ވަނީ ދެކޮޅު ހަދާފަ އެވެ.

މި ކުޅުންތެރިން ރަޖިސްޓްރީ ކުރަން ބާސާ އިން އެ ކްލަބްގެ ސްޓޫޑިއޯގެ 24.5 ޕަސެންޓް ވިއްކައިގެން 100 މިލިއަން ޔޫރޯ ހޯދަން މަސައްކަތް ކުރުމުގެ އިތުރުން ބައެއް ސީނިއާ ކުޅުންތެރިންގެ މުސާރަ ކުޑަކޮށް އަދި ބައެއް ކުޅުންތެރިން ވިއްކަން ބާސާ އިން މަސައްކަތް ކުރަމުންދާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އެގޮތުން ބާސާގެ ޑިފެންޑަރު ޖެރާޑް ޕީކޭ އަދި މިޑްފީލްޑަރު ސާޖިއޯ ބުސްކެޓްސްގެ މުސާރަ ކުޑަކުރަން އެ ދެ ކުޅުންތެރިންނާއެކު ބާސާ އިން މަޝްވަރާތައް ފަށާފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. ބާސާ އަށް މިދިޔަ ސީޒަނުގައި ގެނައި ބައެއް ކުޅުންތެރިން ރަޖިސްޓްރީ ކުރަން އެހީވުމަށް ޕީކޭ އާއި ބުސްކެޓްސް އަދި ޖޯޑީ އަލްބާ މިދިޔަ ސީޒަނުގައި ވެސް މުސާރަ އިން ބައެއް ކުޑަކޮށްފައިވެ އެވެ.

މީގެއިތުރުން ބާސާ އިން އަންނަނީ އެޓީމަށް ކުޅެމުން އަންނަ މިޑްފީލްޑަރު، ފްރެންކީ ޑިޔޮންގް ވިއްކުމަށް ވެސް މަސައްކަތް ކުރަމުންނެވެ. ޑިޔޮންގް ގެންނަން މެންޗެސްޓާ ޔުނައިޓެޑާއި ޗެލްސީން ޝައުގުވެރިވެ އެވެ.

ސްޕެނިޝް ލީގު އަންނަ ހަފްތާގައި ފަށާއިރު ލީގުގެ ފުރަތަމަ މެޗުގައި ބާސާ ބައްދަލުކުރާނީ ރަޔޯ ވަޔެކާނޯއާ އެވެ.