ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ މައްޗަށް ޒިނޭގެ ތުހުމަތުކޮށް، އެކަމުގެ ފޮޓޯތަކެއް ވެސް އެބަހުރި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި މައްސަލަ ބަލައިދޭން ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅައިފި އެވެ.
އެ މައްސަލަ ފުލުހުންނަށާއި ސުޕްރީމް ކޯޓުގެ އިތުރުން ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހަށް ހުށަހެޅުއްވީ ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސަލީމް (މާޒް ސަލީމު) އެވެ.
ރައީސަށް ނަޝީދަށް ކުރެއްވި ތުހުމަތު ބަލައިދޭން އެދި މާޒު ސަލީމް ފޮނުއްވި ސިޓީގައި ބުނެފައި ވަނީ ނަޝީދު ކުރެއްވީ ވަރަށް ބޮޑު ތުހުމަތެއް ކަމަށާއި އެފަދަ ފޮޓޯތައް އެއްވެސް މީހެއްގެ އަތުގައި ހުރުމަކީ ވެސް ގާނޫނީ ކުށެއް ކަމަށެވެ. އަދި ގައުމުގެ ވަލިއްޔުލް އަމުރުގެ އެފަދަ ފޮޓޯތަކެއް ހުރި ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވުމުން އެއީ ގާނޫނުއަސާސީގައި ބުނާ ރައީސުލްޖުމްހޫރިއްޔާގެ ސިފައެއް ގެއްލޭ ކަމެއް ކަމަށާއި އެހެންކަމުން އެ މައްސަލަ ތަހުގީގުކުރަން ޖެހޭ ކަމަށް ސިޓީގައި ބުނެފައިވެ އެވެ.
މާޒި ސަލީމްގެ ސިޓީގައި ފާހަގަކޮށްފައިވާ ގޮތުގައިއިސްލާމީ ގައުމެއްގެ ރައީސެއްގެ މައްޗަށް ވެރިކަން ތިން ބާރުގެ ތެރެއިން އެއް ބާރުގެ ވެރިޔަކު ޒިނޭ ފަދަ ބޮޑު ތުހުމަތެއް ކުރެއްވުމަކީ ރައްޔިތުންނަށް ވެސް ކުޑަ މައްސަލެއް ނޫން ކަމަށެވެ. އެހެންވެ ނަޝީދު ވިދާޅުވާ ފޮޓޯތައް ހުރިކަން އެމަނިކުފާނަށް ތަހުގީގަށް ސާބިތުުކޮށް ނުދެއްވިއްޖެ ނަމަ އެއީ ގަޒުފުގެ ހައްދު ކަނޑައެޅިފައިވާ ޤާނޫނީ ކުށަކަށްވާތީ އާއި އަދި މީޑިއާތަކުގެ ރިޕޯޓްތަކުން ނަޝީދު، ރައީސް ބްލެކްމެއިލް ކުރެއްވިކަން ހާމަވާ އިރު އެއީ ވެސް ގާނޫނީ ގޮތުން އަދަބު ކަނޑައެޅިފައިވާ ކުށެއްކަން ފާހަގަކޮށްފައިވެ އެވެ.
ރައީސްގެ މައްޗަށް ނަޝީދު ޒިނޭގެ ތުހުމަތުކުރެއްވި ބިދޭސީ ފިރިހެނަކާ އެކީ ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު އެއްޖިސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި ހައްޔަރުކުރެއްވުމާ ވިދިގެންނެވެ.