ދަރިވަރުންގެ ބޮޑު ޗުއްޓީ އަށް ފަހު މި އަހަރުގެ ދިރާސީ އާ އަހަރު މާދަމާ ފަށަން ތައްޔާރުވެއްޖެ އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ މާދަމާ ދިރާސީ އަހަރު ފަށާ އިރު، އެކަމަށް ވާން ޖެހޭ ހުރިހާ ތައްޔާރީތަކެއް ވެސް ވެ މިހާރު ނިމިފައިވާ ކަމަށެވެ. އެގޮތުން ދަރިވަރުންގެ ފޮތްތަކާއި ޓީޗަރުން ވެސް ހަމަވާނެ ކަމަށް ބުންޏެވެ. މީގެ ކުރިން ދިރާސީ އާ އަހަރު ފަށާ އިރު، ރާއްޖޭގެ ގިނަ ސްކޫލްތަކަށް އެންމެ ބޮޑަށް ދިމާވާ އެއް މައްސަލަ ޓީޗަރުން ހަމަނުވުމުގެ މައްސަލަ އެވެ.
ނަމަވެސް ޓީޗަރުންގެ މުސާރަ އަށް މެއި މަހުގެ ތެރޭގައި ގެނައި ބަދަލާ ގުޅިގެން މި ފަހަރު ޓީޗަރުން ލިބުމުގައި މާ ބޮޑު ދަތިކަމެއް ވެސް ނެތް ކަމަށާއި އެހެންވެ ހުރިހާ ސްކޫލަކަށް ވެސް ޓީޗަރުން ހަމަވާނެ ކަމަށް އެޑިއުކޭޝަނުން ބުންޏެވެ. މި އަހަރު ޖުމްލަ 8،364 ޓީޗަރުން މަސައްކަތްކުރާ އިރު، މީގެ ތެރެއިން 6،006 ޓީޗަރުންނަކީ ދިވެހި ޓީޗަރުންނެވެ. ބިދޭސީ ޓީޗަރުންގެ އަދަދަކީ 1،693 އެވެ. އަދި ވަގުތީ ޓީޗަރުންގެ ގޮތުގައި 665 ޓީޗަރުން ހަރަކާތްތެރިވާނެ އެވެ.
މާދަމާ ދިރާސީ އަހަރު ފަށާ އިރު، ސަރުކާރާއި އަމިއްލަ ސްކޫލްތައް ހިމެނޭ ގޮތަށް ޖުމްލަ 92،300 ދަރިވަރުން ސްކޫލްތަކުގައި ކިޔަވާނެ އެވެ.