Last Updated: March 28, 21:55
Thursday, March 28, 2024
ޚަބަރު

ނަޝީދާ ދެކޮޅު ޕެޓިޝަނަށް 1،700 ސޮއި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާ އަބްދުﷲ މަގާމުން ވަކިކުރަން ގޮވާލައި އާންމުން ސޮއިކުރަމުން އަންނަ އޮންލައިން ޕެޓިޝަންގައި މިހާތަނަށް 1،700 އަށް ވުރެ ގިނަ މީހުން ސޮއިކޮށްފި އެވެ.

މިދިޔަ މަހުގެ 31 ގައި "އިމްޕީޗް ނަޝީދު" ގެ ނަމުގައި ޗޭންޖް.އޯގްގައި ފެށި މި ޕެޓިޝަންގެ އާމަޒަކީ މިހާރު މަދުވެގެން 2،500 ސޮއި ހޯދުމެވެ. ޕެޓިޝަން ފުރަތަމަ ފެށީ 100 ސޮއި ހޯދުމަށެވެ. އަދި ގިނަ ބަޔަކު ސޮއިކުރަން ފެށުމާ އެކީ، ސޮއި ހޯދާ އަދަދު އިތުރުކުރަމުން ގޮސްފައިވެ އެވެ.

ނަޝީދާއި އީވާ މަގާމުން ވަކިކުރަން އާންމުން ސޮއިކުރާ މި ޕެޓިޝަންގައި ބުނެފައިވާ ގޮތުން އެ ބޭފުޅުން މަގާމުން ވަކިކުރަން ބޭނުން ވަނީ އިސްލާމް ދީނާ ފުށުއަރާ ކަންކަމަށް ހިތްވަރުދީ، ދިވެހިންގެ އިިޖުތިމާއީ ފޭރާން ހަލާކުކުރަން މަސައްކަތްކުރާތީ އެވެ.

ނަޝީދާއި އީވާއާ ދެކޮޅަށް އާންމުން ޕެޓިޝަނެއްގައި ސޮއިކުރަމުން އަންނަ އިރު، އެ ބޭފުޅުން ނިސްބަތްވާ އެމްޑީޕީގެ މަޖިލިސް މެމްބަރުންތަކެއް ވެސް މިހާރު ގެންދަވަނީ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން މަޖިލީހަށް ވައްދަން މަސައްކަތްކުރައްވަމުންނެވެ.

މަޖިލިސް މި ވަގުތު ޗުއްޓީގައި އޮތް އިރު، އަލުން ޖަލްސާތައް ފަށަން ހަމަޖެހިފައި ވަނީ މި މަހުގެ 18 ގަ އެވެ.