ފިރިމީހާ ކަންޔޭ ވެސްޓާ ވަކިވުމަށް ފަހު އެމެރިކާގެ މަޝްހޫރު ސެލެބްރިޓީ ކިމް ކާޑޭޝިއަން ލޯބީގެ ގޮތުން ގުޅުނު އެމެރިކާގެ ކޮމީޑިއަން ޕީޓް ޑޭވިޑްސަން ވެސް މިހާރު ރުޅިވެވެއްޖެ އެވެ..
އެ ދެ މީހުން ރައްޓެހިތާ ނުވަ މަސް ފަހުން، އެކަކު އަނެކަކަށް ފުރަގަސްދީފައިވާ ކަމަށް މީޑިއާތަކުން މިހާރު ރިޕޯޓްކުރަމުން އިރު، އެ ގުޅުމަށް ކިމްގެ އާއިލާގެ ވަރަށް ބޮޑު ރުހުމެއް ވެސް ލިބިފައިވެ އެވެ. އަދި މި ފަހުން ވަރަށް ގިނައިން ކިމް އާއި ޕީޓް އެކީގައި އެކި އިވެންޓްތަކުން ވެސް ފެނިފައިވެ އެވެ. ޕީޓް، 28، އަކީ ކިމް، 41، އަށް ވުރެ އުމުރުން 13 އަހަރު ހަގު މީހެކެވެ. އަދި ކިމް އަކީ ހަތަރު ކުދިންގެ މައެކެވެ.
އޭނަ ކަންޔޭ ގާތުން ވަރިވާން ކޯޓަށް ހުށަހެޅީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. ކިމް އާއި ކަންޔޭ ކައިވެނިކުރީ 2014 އެވެ. އެ ކައިވެނީގައި މި އަހަރު ރަސްމީކޮށް ސިއްކަ ޖެހުނު އިރު، ކިމް ކުރިން ދެ ކައިވެންޏެއް ކޮށްފައިވެ އެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ކިމް އާއި ޕީޓް ވަކިވީ މިދިޔަ ހަފުތާގެ ފަހުކޮޅު އެވެ. އަދި ޕީޓް މި ވަގުތު އުޅެނީ ފިލްމު "ވިޒާޑްސް!" ގެ ޝޫޓިން އަށް އަށް އޮސްޓްރޭލިއާގަ އެވެ. އެ ދެ މީހުންނާ ގާތް ބައެއް މީހުންނާ ހަވާލާދީ އެންޓަޓައިންމަންޓް ނިއުސް އިން ބުނީ ކިމް އާއި ޕީޓްގެ ގުޅުން ނިމުމަކަށް ގެނައީ ދެ މީހުން އަމިއްލަ އަށް އެއްބަސްވެގެން ކަމަށެވެ. އަދި ލޯބީގެ ގުޅުމެއް ދެން ނުބޭއްވިޔަސް އެ ދެ މީހުން ގާތް އެކުވެރިންގެ ގޮތުގައި ދެމިތިބޭނެ ކަމަށެވެ.
ނަމަވެސް ރައްޓެހިވިތާ މާ ގިނަ ދުވަސްތަކެއް ނުވަނީސް އެ މީހުން ރުޅިވާން ނިންމި ސީދާ ސަބަބެއް އޮތީ ސިއްރެއްގެ ގޮތުގަ އެވެ.
އެކަމަކު އެ މީހުން ރުޅިވި ވާހަކަ ގެނެސްދިން މީޑިއާ ޚަބަރެއްގެ ސްކްރީން ޝޮޓެއް މިއަދު އިންސްޓަގްރާމްގައި ޕޯސްޓްކޮށް އެ ގުޅުމުގައި ސިއްކަ ޖެހުނުކަން ޕީޓް ކަށަވަރު ވެސް ކޮށް ދީފައިވެ އެވެ. ކިމް އާއި ޕީޓް އެކީގައި ނަގާފައިވާ ފޮޓޯއަކާ އެކު އެ ޕޯސްޓްގެ ކެޕްޝަނަކަށް "ރެސްޓް އިން ޕިސް (ރިޕް) ކެޓީ" ލިޔެ، އޭގެ ދެކޮޅުގައި ހަލާކުވެފައިވާ ރަތް ކުލައިގެ ދެ ހިތް ހިމަނާފައިވެ އެވެ.