Last Updated: July 6, 22:22
Sunday, July 6, 2025
ޚަބަރު

ފްލެޓްގެ ބަދަލަށް ބޭނުމީ އިހުލާސްތެރި ހިދުމަތެއް: ޝަރީފް

އަހުމަދު ޝަރީފް- ފޮޓޯ: ސްޓެލްކޯ

ފްލެޓްތަކުގެ ބަދަލެއްގެ ގޮތުގައި މުވައްޒަފުންގެ ފަރާތުން ބޭނުންވަނީ ރައްޔިތުންނަށް އިހުލާސްތެރި ހިދުމަތެއް ދިނުން ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

މުވައްޒަފުންނަށް ފްލެޓް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ ސްޓެލްކޯގެ ފްލެޓްތަކަށް ނަން ކިޔުމުގެ ބާރު އެ ކުންފުނީގެ ބޯޑުން އޭނާއަށް ދޫކޮށްލާފައިވާ ކަމަށެވެ. އަދި އޭނާއަށް އެ ފްލެޓްތަކަށް ކިޔުމަށް ފެންނަ ނަމަކީ "ބްލޫ ރިޖް" ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ސްޓެލްކޯގެ ފްލެޓްތައް ކާމިޔާބު ކަމާއެކު ނިންމާލެވުނީ އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރުންވެސް ކުރެއްވި މަސައްކަތުން ކަމަށާއި، އެކަމަށްޓަކައި އެ ފަރާތްތަކަށް ޝުކުރުއަދާކުރާ ކަމަށެވެ.

ސްޓެލްކޯއަކީ ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮންނަ ކުންފުންޏެއްކަން ފާހަގަކޮށް ޝަރީފް ވިދާޅުވީ ސްޓެލްކޯގައި ކުރެވޭ ކޮންމެ ކަމަކީ ސަރުކާރުގެ އިރުޝާދާ ލަފާގެ މަތިން ކުރެވޭ ކަންތައް ކަމަށެވެ. އެގޮތުން ސްޓެލްކޯގެ މުވައްޒަފުންނަށް ދެވިފައިވާ ލުޔާއި މުވައްޒަފުންނަށް ކޮށްދެވިފައިވާ ހިދުމަތްތަކަކީ ސަރުކާރުގެ އޯގާތެރިކަމުގެ ދަށުންކުރެވޭ މަސައްކަތްތަކެއްކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން ޝަރީފް ވިދާޅުވީ ފްލެޓްތަކުގެ ބަދަލެއްގެ ގޮތުގައި މުވައްޒަފުންގެ ފަރާތުން ބޭނުންވަނީ އެންމެ ކަމެއް ކަމަށާއި، އެ ކަމަކީ އިހުލާސްތެރިކަމާއެކީގައި ހިދުމަތް ލިބިގަންނަ ފަރާތް ބޭނުންވާގޮތަށް ހިދުމަތް ދިނުމުގައި މަސައްކަތް ކުރުން ކަމަށެވެ.

"އަޅުގަނޑުމެން ބޭނުންވަނީ ސްޓެލްކޯއިން ރައްޔިތުންނަށް ދިނުމަށްޓަކައި ކަނޑައަޅާފައިވާ ހިދުމަތް އިހުލާސްތެރިކަމާއެކީގައި ހިދުމަތް ލިބިގަންނަ ފަރާތް ބޭނުންވާގޮތަށް އަޅުގަނޑުމެން ހިދުމަތް ދިނުމުގައި މަސައްކަތް ކުރުން." ޝަރީފް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ ސްޓެލްކޯގެ ހިދުމަތް ލިބޭ ފަރާތަކީ ރައްޔިތުން ކަމަށާއި، ސްޓެލްކޯއިން ރައްޔިތުންނަށް ހިދުމަތް ކޮށްދޭންވީގޮތް އެނގޭނީ ރައްޔިތުންނަށް ކަމަށެވެ. އެ ހިދުމަތަކީ ގަބޫލުކުރެވޭ ހިދުމަތެއްތޯ ނުވަތަ ގަބޫލުނުކުރެވެ ހިދުމަތެއްތޯ ނިންމާނީވެސް ރައްޔިތުން ކަމަށް ޝަރީފް ވިދާޅުވިއެވެ.

ސްޓެލްކޯގެ ދެ ޓަވަރުގައި 360 ފްލެޓު ހިމެނެއެވެ. އެއީ އެއް ކޮޓަރީގެ 72 އެޕާޓްމަންޓާއި ދެ ކޮޓަރި އަދި މެއިޑް ރޫމްގެ 288 އެޕާޓްމަންޓްތަކެވެ.