Last Updated: August 18, 09:23
Thursday, August 18, 2022
މުނިފޫހިފިލުވުން

މި ފަހަރު ވައްކަންކުރީ "ބްރެޑްލީ ކޫޕާ"

ބްރެޑްލީ ކޫޕާ (ކ) އަދި އޭނައާ ވައްތަރު ވަގު.

ގިނަ ބައެއްގެ މެދުގައި މަގުބޫލު މަޝްހޫރު ސިޓްކޮމް "ފްރެންޑްސް" ގެ ކާސްޓްގައި ހިމެނުނު ޑޭވިޑް ޝްވިމާއާ ވައްތަރު މީހަކު މީގެ ތިން އަހަރެއްހާ ދުވަސް ކުރިން ފިހާރައަކުން ވައްކަންކުރި މައްސަލަ އަކީ ގިނަ ބައެއްގެ ސަމާލުކަން ވަރަށް ބޮޑަށް ލިބުނު ކަމެކެވެ.

މި ފަހަރު މިއޮތީ އަނެއްކާ ވެސް ހޮލީވުޑްގެ މަޝްހޫރު ތަރިއަކާ ވައްތަރު މީހަކު ވައްކަންކޮށްގެން އޭނާ ހޯދަން ފުލުހުން އިއުލާންކޮށްފި އެވެ. މިއީ ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ މަޝްހޫރު ތަރި ބްރެޑްލީ ކޫޕާއާ ވައްތަރު މީހެކެވެ. ވައްކަންކުރި މައްސަލާގައި އޭނާ ހޯދަން އާންމުންގެ އެހީ އަށް ވެސް އެދި ފުލުހުން އާންމުކުރި ސީސީޓީވީ ފުޓޭޖްގެ ސްކްރީންޝޮޓްތަކުން ހަމަ ވަރަށް ބޮޑަށް ވެސް ވަގުކަލޭގެ ކޫޕާއާ ވައްތަރެވެ.

އެޓްލާންޓާގެ ފިހާރައަކުން 629 ޑޮލަރަށް ވިއްކާ "ބޯޝް" ބްރޭންޑްގެ ލޭޒާ ކިޓެއް ވަގަށް ނެގި މައްސަލާގައި ޖޯޖިއާ ފުލުހުން ހޯދަން އިއުލާންކުރި މީހާގެ ފޮޓޯތަކުން ފެންނަނީ ގަދަ ފެހި ކުލައިގެ ޓީޝާޓަކާއި ނޫ ކުލައިގެ ޖީންސެއް ލައިގެން ބޮލުގައި ތޮއްޕެއް ވެސް އަޅައިގެން ހުރި މީހަކު ޓްރޮލީއަކަށް ލޭޒާ ކިޓް އަރުވައިގެން ވަރަށް ހަމަޖެހިލައިގެން ދާ ތަނެވެ.

ފުލުހުން ބުނި ގޮތުގައި ކޫޕާއާ ވައްތަރު މީހާ ވައްކަންކޮށްފައި ވަނީ މިދިޔަ މަހުގެ ތެރޭގަ އެވެ. އޭނާ ހޯދަން ފުލުހުން ފޭސްބުކްގައި އާންމުކުރި ފޯސްޓަށް އެތައް ބަޔަކު ބްރެޑްލީ ކޫޕާއާ ވަރަށް ވައްތަރު ކަމަށް ބުނެ އަންނަނީ ކޮމެންޓްކުރަމުންނެވެ. އަދި ގިނަ ބަޔަކަށް މިކަންވީ ވަރަށް މަޖާ ކަމަކަށެވެ.