Last Updated: July 5, 20:34
Sunday, July 6, 2025
މުނިފޫހިފިލުވުން

މަދޫރީ އާއި މަލައިކާގެ ދަރިން ކަރަންއާ އެކީ

ކަރަން ޖޯހަރް އަންނަ އަހަރު ގެނެސްދޭން ނިންމާފައިވާ ފިލްމު "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އަކީ ގިނަ ގޮތްގޮތުން ފާހަގަކޮށްލެވޭ ފިލްމެކެވެ. އޭގެ ތެރެއިން ގިނަ ބައެއްގެ ސަމާލުކަން އެންމެ ބޮޑަށް ހުއްޓުނު އެއް ކަމަކީ މަޝްހޫރު ތަރި ސައިފް އަލީ ޚާންގެ ދޮށީ ފިރިހެން ދަރިފުޅު އިބްރާހީމް އަލީ ޚާން މި ފިލްމުގައި ކަރަންއާ އެކީ އެސިސްޓަންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކުރުމެވެ.

އެކަމަކު އަދި މި ހިސާބަކުން މިކަން ނުނިމެ އެވެ. އާލިއާ ބަޓާއި ރަންވީރު ސިންގް ލީޑް ރޯލުން ފެންނާނެ ފިލްމުގެ އެސިސްޓަންޓް ޑައިރެކްޓަރުންގެ ގޮތުގައި އިތުރު ދެ ތަރިއެއްގެ ދަރިންތަކެއް ވެސް ބައިވެރިވި އެވެ.

އެގޮތުން މިދިޔަ ހަފުތާގައި "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގެ މައިގަނޑު ޝޫޓިންތައް ނިންމާލައި އާންމުކުރި ފޮޓޯތަކުގެ ތެރެއިން އެންމެ އަޅައިގަތީ ބަތަލާ މަދޫރީ ޑިކްސިޓްގެ ދެ ފިރިހެން ދަރިންގެ ތެރެއިން ދޮށީ ދަރިފުޅު އަރިން ނޭނޭ، 19، އާއި ސަލްމާން ޚާންގެ ހާންގެ ކޮއްކޮ އަރުބާޒް ޚާންގެ ދަރިފުޅު އަރްހާން ޚާން، 19، އެވެ. އަރުޚާންގެ މަންމަ އަކީ މިހާރު އެކްޓަރު އަރުޖުން ކަޕޫރާ ރައްޓެހިވެގެން އުޅޭ މަލައިކާ އަރޯރާ އެވެ.

"ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގެ ސެޓުން ނަގައި އިންސްޓަގްރާމްގައި އާންމުކޮށްފައިވާ ފޮޓޯތަކުގައި އަރިން ފެންނަނީ ގްރޫޕް ފޮޓޯގެ އެންމެ ފަހަތުން ކަނާތް ފަރާތުން މަޑު ދަނބުކުލައިގެ ޓީޝާޓެއްގަ އެވެ. އަރުހާން ފެންނަނީ ފޮޓޯގެ ވާތް ފަރާތުން އެންމެ ކުރިން ކަޅު ކުލައިގެ ޓީޝާޓެއްގަ އެވެ.

ކަރަންގެ ފިލްމުގައި އަރުހާނާއި އަރިން ވެސް ވަނީ އެސިސްޓަންޓް ޑައިރެކްޓަރުންގެ ގޮތުގައި މަސައްކަތްކޮށްފަ އެވެ. އަރުހާނަކީ އަދި އެމެރިކާގައި ކިޔަވަމުން އަންނަ ޒުވާނެކެވެ. އަރިން ކޮލެޖުން ގްރެޖްއޭޓްވީ މިދިޔަ އަހަރު އެވެ. ފާހަގަކޮށްލެވޭ ކަމަކީ މަދޫރީ އާއި މަލައިކާގެ ދަރިން ކަރަންގެ އެސިސްޓަންޓުންގެ ގޮތުގައި މަސައްކަތްކުރި އިރު، އެ ދެ މީހުންނަކީ ވެސް ކަރަންގެ ވަރަށް ގާތް ދެ އެކުވެރިންކަމެވެ. އެގޮތުން މަދޫރީ އާއި މަލައިކާއާ އެކީ ޓީވީ ޝޯތަކެއް ކަރަން ޖަޖް ވެސް ކޮށްފައި އެވެ.

އަނެއްކޮޅުން މަދޫރީ އަކީ ކަރަންގެ ސްޓޫޑިއޯ، ދަރުމާ ޕްރޮޑަކްޝަންގެ ބައެއް އުފެއްދުންތަކުގައި ވެސް މަސައްކަތްކޮށްފައިވާ ތަރިއެކެވެ. އޭގެ ތެރޭގައި މިދިޔަ އަހަރުގެ ވެބް ސީރީޒް "ފޭމް ގޭމް" އާއި 2019 ގެ ފިލްމު "ކަލަންކް" ހިމެނެ އެވެ.

ގިނަ ޒުވާނުންތަކެއް ކްރޫގައި ހިމެނޭ ގޮތަށް ކަރަން "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގެ މައިގަނޑު ޝޫޓިން ނިންމައިލި އިރު އަދި ބާކީ ފިލްމުގެ ލަވައެއް ނަގަން އެބައޮތެވެ. އެ ލަވަ ޔޫރަޕްގައި ނަގަން ހަމަޖެހިފައި ވަނީ މިހާރު ބަލިވެއިން އާލިއާ ވިހެއުމަށް ފަހު އަންނަ އަހަރުގެ ކުރީކޮޅު އެވެ.

ކުރިން އަންނަ އަހަރުގެ ފެބްރުއަރީ 10 ގައި ރިލީޒްކުރާ ގޮތަށް އޮތަސް ޝޫޓިން އަށް އައި ބަދަލާ އެކީ ރިލީޒްކުރުން ފަސްކޮށްފައިވާ ފިލްމުގައި ކަރަންއާ އެކީ ޒުވާން ޓީމެއް މަސައްކަތްކޮށްފައިވާތީ އޭގެ ކުލަވަރު ވެސް ފިލްމު ފެންނާނެކަން ޔަގީންވެ އެވެ.

ކަރަންއާ އެކީ ކުރިން އެސިސްޓަންޓުންގެ ގޮތުގައި މަސައްކަތްކުރި މީހުންގެ ތެރޭގައި މިހާރު މަޝްހޫރު ތަރިން ކަމަށްވާ ވަރޫން ދަވަނާއި ސިދާތު މަލްއުތުރާ ހިމެނެ އެވެ. ޝާހްރުކް ޚާނާއި ކާޖޮލްއާ އެކީ ކަރަން 2010 ގައި ގެނެސްދިން "މައި ނޭމް އިޒް ޚާން" ގައި އެސިސްޓަންޓް ޑައިރެކްޓަރުންގެ ގޮތުގައި މަސައްކަތްކުރި ވަރުން އާއި ސިދާތު ބޮލީވުޑަށް ނެރުނީ ކަރަން 2012 ގައި ޑައިރެކްޓްކުރި "ސްޓޫޑެންޓް އޮފް ދި އިޔާ" އިންނެވެ.

ބޮލީވުޑްގެ މަޝްހޫރު މިސްމީހުންގެ ތަރިން ރަސްމީކޮށް އިންޑަސްޓްރީ އަށް ނުކުތުމުގެ ކުރިން މަޝްހޫރު ޑައިރެކްޓަރުންނަށް އެސިސްޓްކޮށް ދިނުމަކީ ވަރަށް އާންމު ކަމެކެވެ.