Last Updated: March 28, 21:55
Thursday, March 28, 2024
ކުޅިވަރު

އަންހެން ރިލޭ ޓީމުން ގައުމީ ރެކޯޑް އާކޮށްފި

ކޮމަންވެލްތް ގޭމްސްގައި މިއަދު ހަތަރެއް ގުނަ 100 މީޓަރު ދުވުމުން ރާއްޖޭގެ އަންހެން ރިލޭ ޓީމުން ގައުމީ ރެކޯޑް އާކޮށްފި އެވެ.

މި ފަހަރުގެ ގޭމްސްގައި ވާދަކުރި އަންހެން ރިލޭ ޓީމުގައި ހިމެނެނީ މަރިޔަމް އަލްހާ، އައިޝަތު ހިމްނާ ހަސަން، ރިފާ މުހައްމަދު އަދި އާމިނަތު ލަޔާނާ މުހައްމަދެވެ. އަންހެން ޓީމުން ގައުމީ ރެކޯޑް އާ ކުރީ 49:19 ސިކުންތުން ރޭސް ނިންމައިގެންނެވެ.

އެންމެ ފަހުން ހަތަރެއް ގުނަ 100 މީޓަރުގެ ރިލޭގެ ގައުމީ ރެކޯޑް އާ ކުރީ 2019 ވަނަ އަހަރު ބޭއްވި ސައުތު އޭޝިއަން ގޭމްސްގަ އެވެ. އެ ފަހަރުގެ ޓައިމިން އަކީ 50:16 ސިކުންތެވެ. އެ ފަހަރު ރެކޯޑް އާ ކުރި ޓީމުގައި ހިމެނެނީ އަލްހާ، ހިމްނާ، ރިފާ އަދި ސާރާ މައްސޫދު އެވެ.

މިފަހަރުގެ ގޭމްސްގައި އަންހެނުންގެ 100 މީޓަރު ދުވުމުގެ ގައުމީ ރެކޯޑް ހިމްނާ ވަނީ މުގުރާލާފަ އެވެ. ހިމްނާ ރެކޯޑް އާކުރީ މިހާރު 12.17 ސިކުންތުން ދުވެގެންނެވެ. މި ރެކޯޑް މީގެކުރިން އޮތީ ކުރީގެ އެއްވަނަ ދުވުންތެރިޔާ ޝަމްހާ އަހުމަދުގެ އަތުގަ އެވެ. މީގެ 20 އަހަރުކުރިން ޝަމްހާ އެ ރިކޯޑް އާކުރީ ވޯލްޑް ޗެމްޕިއަންޝިޕްގައި 12.27 ސިކުންތުން ދުވެގެންނެވެ.

އަންހެނުންގެ 100 މީޓަރު ދުވުމުގެ ރެކޯޑް ހިމްނާ މުގުރާލިއިރު، 400 މީޓަރު ދުވުމުގެ ގައުމީ ރިކޯޑް ވެސް މިހާރު އޮތީ ހިމްނާ އަތުގަ އެވެ.