Last Updated: March 28, 14:17
Thursday, March 28, 2024
ކުޅިވަރު

ފުލަމް އިން ލިވަޕޫލް ހިފަހައްޓައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ލިވަޕޫލާއި ފުލަމް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެއްޖެ އެވެ.

ފުލަމްގެ ދަނޑުގައި ކުޅުނު މި މެޗު ލިވަޕޫލުން ފެށީ މި ޓްރާންސްފާ މާކެޓުގައި ބޮޑު އަގުގައި އެޓީމަށް ގެނައި އުރުގުއޭގެ ފޯވާޑް ޑާވިން ނުނޭޒް ނުލަ އެވެ. ނުނޭޒްގެ ބަދަލުގައި ފުރަތަމަ އެގާރައިން ޖާގަ ދީފައިވަނީ ރޮބާޓޯ ފަމީނޯ އަށެވެ.

މި މެޗުގެ ފުރަތަމަ ހާފްގައި ފުލަމްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު މެޗުގެ 32 ވަނަ މިނެޓްގައި އެލެގްޒަންޑާ މިޓްރޮވިޗް ވަނީ އެޓީމަށް ލީޑު ނަގާދީފަ އެވެ. މިޓްރޮވިޗް މި ގޯލު ކާމިޔާބުކުރީ ލިވަޕޫލްގެ ޕެނަލްޓީއޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައެއް ބޮލުން ކުރިއަށް ފޮނުވާލައިގެންނެވެ.

ފުލަމް ލީޑުގައި އޮވެ ފުރަތަަ ހާފް ނިމުނުއިރު މެޗުގެ 57 ވަނަ މިނެޓްގައި ފުލަމްގެ ކެބާނާ ފޮނުވާލި ހަމަލާއެއް ލިވަޕޫލްގެ ގޯލުގެ ދަނޑި އަށް ވެސް އަމާޒުވެފައިވެ އެވެ.

ދެވަނަ ހާފްގައި ލިވަޕޫލްގެ ކުޅުން ރަނގަޅުވެ އަދި ތަފާތު ފެނިގެންދިޔައީ ނުނޭޒް އެރި ހިސާބުންނެވެ. އެގޮތުން މެޗުގެ 64 ވަނަ މިނެޓްގައި މުހައްމަދު ސަލާހު ދިން ޕާހަކުން ލިވަޕޫލަށް ނަތީޖާ އެއްވަރުކޮށްދިނީ ވެސް ނުނޭޒް އެވެ. އަދި އޭގެ އިރުކޮޅެއްފަހުން ލިވަޕޫލަށް ލީޑުނަގައިދޭން ވެސް ނުނޭޒް އަށް ފުރުސަތެއް ލިބިފައިވެ އެވެ.

ލިވަޕޫލުުން ރަނގަޅަށް ކުޅެމުންދަނިކޮށް މެޗުގެ 71 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން މިޓްރޮވިޗް ވަނީ އަލުން ފުލަމް އަށް ލީޑު ނަގާދީފަ އެވެ. މިއީ މިޓްރޮވިޗް އަށް ލިވަޕޫލްގެ ޑިފެންޑަރު ވެންޑައިކް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ.

މި މެޗުގައި ދެވަނަ ފަހަރަށް ލިވަޕޫލަށް ނަތީޖާ އެއްވަރުކޮށްދިނީ ސަލާހު އެވެ. މިއީ ލީގުގެ ފުރަތަމަ މެޗުގައި ޖެހިޖެހިގެން ސަލާހު ގޯލު ކާމިޔާބުކުރި ހަވަނަ ސީޒަނެވެ. މެޗުގެ ފަހު ވަގުތުކޮޅުތެރޭ 25 ޔާޑް ދުރުން ލިވަޕޫލްގެ ކެޕްޓަން ޖޯޑަން ހެންޑަސަން ފޮނުވާލި ހަމަލާއެއް ފުލަމްގެ ގޯލުގެ ދަނޑި އަށް ވެސް އަމާޒުވެފައިވެ އެވެ.

ލީގުގައި ލިވަޕޫލް ދެން ބައްދަލުކުރާނީ ކްރިސްޓަލް ޕެލެސްއާ އެވެ. ފުލަމް ނިކުންނާނީ ވުލްވްސްއާ ދެކޮޅަށެވެ.