Last Updated: April 26, 18:07
Friday, April 26, 2024
ކުޅިވަރު

އެވަޓަން އަތުން ޗެލްސީ އަށް ހަނި މޮޅެއް

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އެވަޓަން އަތުން 1-0 އިން ޗެލްސީ މޮޅުވެއްޖެ އެވެ.

އެވަޓަންގެ ދަނޑުގައި ކުޅުނު މި މެޗުގައި މި ފަހަރުގެ ޓްރާންސްފާ މާކެޓުގައި ޗެލްސީ އަށް ގެނެސްފައިވާ ރަހީމް ސްޓާލިން އަދި ޑިފެންޑަރު ކަލިދޫ ކުލިބާލީ އަށް ވަނީ ފުރަތަމަ އެގާރައިން ޖާގަ ދީފަ އެވެ. މި މެޗާއި އެވަޓަން އިން ކުރިމަތިލިއިރު އެޓީމަށް ވަނީ އަނިޔާގެ ބައެއް މައްސަލަތައް ކުރިމަތިވެފަ އެވެ. އެގޮތުން އަނިޔާގެެ ސަބަބުން މި މެޗުގައި އެވަޓަންގެ ފޯވާޑް ކަލްވަޓް ލެވިން ކުޅެފައެއް ނުވެ އެވެ.

މިއީ 2017 ވަނަ އަހަރަށްފަހު އެވަޓަންގެ ދަނޑުގައި ކުޅެ ޗެލްސީން އެޓީމުގެ މައްޗަށް ކުރި ހޯދި ފުރަތަމަ ފަހަރެވެ.

މި މެޗުގައި ޗެލްސީން ޖެހި ހަމައެކަނި ގޯލު ފުރަތަމަ ހާފް ނިމެންދަނިކޮށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ޖޯޖީނިއޯ އެވެ. މި ޕެނަލްޓީ އަކީ ޗެލްސީގެ ޑިފެންޑަރު ބެން ޗިލްވެލް އަށް އެވަޓަންގެ ޑޮކޫރޭ ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީ އެކެވެ.

މެޗުގެ ދެވަނަ ހާފްގައި ގޯލެއް ކާމިޔާބުކުރަން ދެ ޓީމަށް ވެސް މާގިނަ ފުރުސަތުތަކެއް ލިބިފައެއް ނުވެ އެވެ. މެޗުގެ ދެވަނަ ހާފްގައި އިއްޔެ ޗެލްސީއާ ގުޅުނު ސްޕެއިންގެ ފުލްބެކް މާކް ކުކުރެލާ ވެސް ކުޅެން އަރުވާފައިވެ އެވެ.

މި މެޗުގައި އެވަޓަން އަށް އަނިޔާގެ އިތުރު މައްސަލަތަކެއް ވެސް ކުރިމަތިވެފައިވެ އެވެ. އެގޮތުން އެޓީމުގެ ދެ ޑިފެންޑަރުން ވަނީ ބެން ގޮޑްފްރޭ އާއި ޔެރީ މީނާ އަށް ވަނީ އަނިޔާވެގެން ބަދަލުކޮށްފަ އެވެ. މީގެތެރެއިން ގޮޑްފްރޭ އަށް ލިބިފައިވަނީ ސީރިއަސް އަނިޔާއެކެވެ.

ލީގުގައި ޗެލްސީ ދެން ބައްދަލުކުރާނީ ޓޮޓެންހަމްއާ އެވެ. އަދި އެވަޓަން ނިކުންނާނީ އެސްޓަންވިލާއާ ދެކޮޅަށެވެ.