Last Updated: May 5, 21:07
Tuesday, May 6, 2025
މުނިފޫހިފިލުވުން

ރިތިކްގެ ކުރީގެ އަންހެނުން ކައިވެނިކުރަނީ

ބޮލީވުޑްގެ ތަރި ރިތިކް ރޯޝަންގެ ކުރީގެ އަންހެނުން ސުޒާން ޚާން މިހާރު ދެވަނަ ކައިވެންޏަށް ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ކުރީގެ މަޝްހޫރު އެކްޓަރެއް ކަމަށްވާ ސަންޖޭ ޚާންގެ ދަރިފުޅު މިހާރު ލޯބީގެ ގޮތުން ގުޅިގެން މާ މަޝްހޫރު ނޫން އާދައިގެ އެކްޓަރެއް ކަމަށްވާ އަރްސަލާން ގޯނީއާ އެވެ. ކަޝްމީރަށް ނިސްބަތްވާ އަރްސަލާން އާއި ސުޒާން ލޯބީގެ ގޮތުން ގުޅުނީ 2020 ގަ އެވެ. އެކަމަކު ކުރިން އެކަން ވަރަށް ބޮޑަށް ސިއްރުކޮށްގެން އުޅުމަށް ފަހު އާންމުންގެ ތެރެއަށް އަރްސަލާންއާ އެކީ ސުޒާން ނުކުންނަން ފެށީ މި އަހަރުގެ ކުރީކޮޅު އެވެ.

ދެ މީހުންގެ ގުޅުން މިހާރު ވަރަށް ބޮޑަށް ބަދަހިވެ، ސީރިސްވެފައިވާތީ ވަރަށް އަވަހަށް ސުޒާން އާއި އަރްސަލާން ކައިވެނިކުރާނެ ކަމަށް މީޑިއާތަކުން އަންނަނީ ބުނަމުންނެވެ. އެކަމަކު މިކަމާ ބެހޭ ގޮތުން ރަސްމީ ބަހެއް އަދިއެެއް ނެތެވެ. އިންޓީރިއާ ޑީޒައިނަރެއްގެ ގޮތުގައި މަސައްކަތްކުރާ ސުޒާން، 43، އާއި ރިތިކް، 48، ގެ ކައިވެނި 2014 ގައި ރޫޅާލި އިރު، ދެ ފިރިހެން ކުދިން ވެސް ލިބިފައިވެ އެވެ. އެއީ މިހާރު 16 އަހަރުގެ ރިހާން ރޯޝަނާއި 14 އަހަރުގެ ރިދާން ރޯޝަން އެވެ.

ސުޒާން އާއި ރިތިކް ވަކިވި ނަމަވެސް ދަރިންގެ ކަންކަމުގައި އެ ދެ މީހުންގެ މެދުގައި އަބަދު ވެސް ވަރަށް ގުޅުމެއް އޮވެ އެވެ. އަދި ކައިވެނި ރޫޅުނަސް އެ މީހުންނަކީ ގާތް ދެ އެކުވެރިންނެވެ. ސުޒާންއާއި ރިތިކް ކައިވެނިކުރީ ފިލްމު "ކަހޯ ނާ…ޕިޔާރު ހޭ" އިން އޭނާ ބޮލީވުޑަށް ނުކުތް 2000 ވަނަ އަހަރު އެވެ.

ކައިވެނި ރޫޅުނު ފަހުން ރިތިކް މިހާރު ސީރީސްކޮށް ރައްޓެހިވެގެން އުޅެނީ މާ މަޝްހޫރު ނޫން ބަތަލާ/ލަވަކިޔުންތެރިޔާ ސަބާ އާޒާދުއާ އެވެ.