Last Updated: April 26, 18:07
Friday, April 26, 2024
ޚަބަރު

އިޒްރޭލުގެ ލާއިންސާނީ އަމަލުތައް ކުށްވެރިކޮށްފި

އިޒްރޭލުން ފަލަސްތީނުގެ ގައްޒާ އަށް ދެމުންދާ ވައިގެ ހަމަލާތައް ދިވެހި ސަރުކާރުން މިއަދު ކުށްވެރިކޮށްފި އެވެ.

ފަލަސްތީނާއި އިޒްރޭލުގެ މަސްރަހު އަނެއްކާވެސް ހޫނުވެފައިމިވަނީ އިޒްރޭލުން ޕަލަސްތީނިއަން އިސްލާމިކް ޖިހާދް (ޕީއައިޖޭ) ގެ އިސްވެރިޔެއް ކަމުގައިވާ ބާސިމް ސާދީ މިދިޔަ ހޯމަ ދުވަހު ހައްޔަރުކުރުމާ ގުޅިގެންނެވެ. ސާދީގެ ހައްޔަރާއި ގުޅިގެން ޕީއައިޖޭ އިން އިޒްރޭލަށް އަމާޒުކޮށް ވައިގެ ހަމަލާތައް ދެމުންދާއިރު ރައްދުގައި އިޒްރޭލުން އަންނަނީ ގައްޒާ އަށް ވައިގެ ހަމަލާތައް ދެމުންނެވެ.

މި ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 30 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު ގިނަ ބަޔަކަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފަ އެވެ. މަރުވި ފަރާތްތަކުގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނެ އެވެ.

މިކަމާ ގުޅިގެން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އިޒްރޭލުން ގައްޒާ އަށް ދެމުންދާ ހަމަލާތައް ކުށްވެރިކުރާ ކަމަށާއި މި ހަމަލާތަކުގައި ކުށެއް ނެތް ފަލަސްތީނުގެ އެތައް ބަޔަކު މަރުވެ އަދި އެކިވަރުގެ އަނިޔާތައް އެތައް ބަޔަކަށް ލިބުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

މެދުއިރުމަތީގެ ހަމަޖެހުމަށް އޮތް ހަމައެކަނި ހައްލަކީ ފަލަސްތީނަށް މިނިވަން ދައުލަތެއް އުފެއްދުމުގެ ޖާގަދިނުމާއެކު އެގައުމުގެ ވެރިރަށުގެ ގޮތުގައި އިރުމަތީ ގުދުސް ކަނޑައެޅުން ކަމަށްވެސް ރާއްޖޭގެ ބަޔާނުގައި ބުނެފައިވެ އެވެ.

މީގެއިތުރުން ރާއްޖެއިން އަބަދުވެސް އޮންނާނީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

މިދިޔަ ހުކުރު ދުވަހުން ފެށިގެން ދެ ފަރާތުން ހަމަލާތައް ބަދަލުކުރަމުންދާއިރު، އިޒްރޭލުން ދިން ހަމަލާއެއްގައި ޕީއައިޖޭގެ ކޮމާންޑަރަކު ވެސް ވަނީ މަރުވެފަ އެވެ.

އިޒްރޭލުން ބުނީ ޕީއައިޖޭއާ ދެކޮޅަށް ހާއްސަ އޮޕަރޭޝަނެއް ފެށީ އެ ޖަމާއަތުގެ ނުރައްކާ އެގައުމަށް އޮތް ކަމަށް ބެލެވޭތީ އެވެ. އަދި ހަމަލާތައް އަމާޒުކުރަނީ ގައްޒާގައި ހުންނަ ޕީއައިޖޭގެ ޓާގެޓުތަކަށް ކަމަށާއި މި އޮޕަރޭޝަން ހަފްތާއެއްހާ މުއްދަތަށް ދިގުދެމިގެން ހިނގައިދާނެ ކަމަށްވެސް އިޒްރޭލުން ބުނެ އެވެ.

އިރާނުގެ އެއްބާރުލުމާ އެކު ހިންގާ ޕީއައިޖޭ އަކީ ގައްޒާގައި ހަރަކާތްތެރިވާ އެންމެ ވަރުގަދަ އެއް ހަތިޔާރު އެޅި ގްރޫޕެވެ.