Last Updated: April 26, 06:56
Friday, April 26, 2024
ޚަބަރު

ޝިއާގެ ގާތިލުންނަށް ހައްގު އަދަބު ދޭން ޖެހޭ

ރައީސް މުހައްމަދު ނަޝީދު، ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރޭ މާލޭގައި އަނިޔާވެރިކޮށް މަރާލި ޝިއާއު މުހައްމަދު ސައީދުގެ ގާތިލުންނަށް ހައްގު އަދަބު ދޭންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެެއްޖެ އެވެ.

ނަޝީދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ މާލޭގައި ޒުވާން އަންހެން ކުއްޖެއް ނުހަނު އަނިޔާވެރިކޮށް މަރާލާފައިވަނީ އެންމެނަށް ސިހުން ލިބޭ މިންވަރަށް ކަމަށެވެ.

"މިއަނިޔާވެރި އަމަލު ކުށްވެރިކުރަން. އިތުރު މީހެއްގެ އިއުތިރާފު ބަޔާނަށް ބުރަނުވާ ރަނގަޅު ތަހްގީގެއްކޮށް މިކަން ކުރި މީހުންނަށް ހައްގު އަދަބު ދޭންޖެހޭ. މާތްﷲ މަރުހޫމާއަށް ސުވަރުގެ ދެއްވާށި. އާމީން." ނަޝީދު ވިދާޅުވި އެވެ.

ޝިއާގެ މަރާއި ގުޅިގެން އަލީ ޝާހިލް ނަމަކަށް ކިޔާ ދިވެހި ފިރިހެނަކު ވަނީ ހައްޔަރުކޮށްފަ އެވެ. އަދި ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބަހައްޓަން ވަނީ އަމުރުކޮށްފަ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުން ބުނީ ޝިޔާއުގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށް ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.

ފުލުހުން ބުނީ މި މައްސަލާގައި ތުހުމަތުކުރެވޭ ސާހިލް ހައްޔަރުކުރިއިރު ހުރީ މަސްތުގެ ހާލަތުގައި ކަމަށާއި ނަމަވެސް އޭނާ އަދި މިހާތަނަށް ކުށަށް އިއުތިރާފް ވެފައި ނުވާ ކަމަށެވެ. އަދި އިތުރު މީހަކަށް މި މައްސަލާގައި ތުހުމަތު ނުކުރެވޭ ކަމަށާއި ހަމަލާދޭން ބޭނުންކުރި ހަތިޔާރުތައް ތަހުގީގަށް ހޯދިފައިވާ ކަމަށްވެސް ފުލުހުން ބުނެ އެވެ.