Last Updated: April 27, 10:00
Saturday, April 27, 2024
ޚަބަރު

ރާއްޖެ އާއި އެމެރިކާގެ އަސްކަރީ ތަމްރީނެއް

ކުރިން އެކީގައި ތަމްރީނުތަކެއް ހަދާފައިވާ ރާއްޖެ އާއި އެމެރިކާގެ އަސްކަރިއްޔާ ގުޅިގެން ކައުންޓަ ޓެރަރިޒަމް ފަރިތަކުރުންތަކެއް ސެންޓްރަލް އޭރިޔާ އާއި މާލެ ސަރަހައްދުގައި ފަށައިފި އެވެ.

އިއްޔެ އިން ފެށިގެން މި މަހުގެ 18 ނިޔަލަށް "ޓެމްޕެސްޓް ވިންޑް 2022" ގެ ނަމުގައި ކުރިއަށް ގެންދާ މި ޓްރޭނުން ޕްރޮގްރާމަކީ މިފަދަ ތަމްރީނުތަކުގެ 11 ވަނަ ބުރެވެ. އަދ މިއީ ރާއްޖޭގައި މި ތަމްރީނު ބާއްވާ 4 ވަނަ ފަހަރެވެ.

މި ތަމްރީންތަކުގައި ހިރާއްޖެ އާއި ހަވާއީގެ ކަމާގުޅޭ މުވައްޒަފުން ކައުންޓަ ޓެރަރިޒަމް (ސީޓީ) ސްޓްރެޓަޖީ އަށް ފަރިތަވުމަށް އަމާޒުކޮށް ރޭވިފައިވާ ހާއްސަ ހަރަކާތްތަކުގައި ބައިވެރިވާނެ އެވެ. އެގޮތުން ދެ ގައުމުގެ ގުޅުން ބަދަހިކޮށް ގާބިލުކަން އިތުރުކުރުމަށް އިސްވެރިންގެ ނިންމުންތައް ނިންމާ ގޮތްތަކާއި ހާލަތްތަކަށް އިޖާބަދިނުމުގެ ރޭވުންތައް ރާވާނެ ގޮތްތަކަށް ވެސް ތަމްރީން ވާނެ އެވެ.

މި ތަމްރީންތަކުން ކައުންޓަ ޓެރަރިޒަމް އޮޕަރޭޝަންތަކުގައި ކުއްލި ރޭވުންތައް ރޭވުމުގައާއި ކޯޑިނޭޓްކުރުމުގަ އާއި ހިންގުމުގެ ގާބިލްކަން ދެ ގައުމުގަ ހުރި މިންވަރު ޓެސްޓްކުރެވި އިސްލާހުކުރަންވީ ކަންކަން ވެސް ފާހަގަވެގެންދާނެ އެވެ.

މި ޓްރޭނިން ޕްރޮގްރާމް ފަރުމާކޮށްފައި ވަނީ ޓެރަރިޒަމްގެ އެކި ހާދިސާތަކަށް އިޖާބަ ދިނުމުގައި މި ސަރަހައްދުގެ ސަލާމަތީ ބާރުތަކުން ގުޅިގެން މަސައްކަތްކުރުމަށް އެހީތެރިވެވޭނެ ގޮތަށާއި އަދި ކައުންޓަރ ޓެރަރިޒަމްގެ މަސައްކަތްތަކުގައި އެމެރިކާ އަދި ރާއްޖޭގެ ގުޅުން ބަދަހިކުރެވޭނެ ގޮތަށެވެ.

މިތަމްރީންތަކަކީ ޔޫއެސް އިންޑޯ-ޕެސިފިކް ކޮމާންޑުން ކުރިޔަށް ގެންދާ އަސްކަރިއްޔާތަކާއި ގުޅުން ބަދަހިކުރުމުގެ ޕްރޮގްރާމްގެ ބައެކެވެ.