Last Updated: April 26, 23:59
Friday, April 26, 2024
މުނިފޫހިފިލުވުން

ރަންބީރް މި ކުޅެނީ އަލިފާނާ

ރަންބީރް ކަޕޫރާއި އަންހެނުން އާލިއާ ބަޓް އެކީގައި ކުޅުނު ފިލްމު "ބުރައްމަސްތުރާ" އަންނަ މަހު ރިލީޒްކުރަން ތައްޔާރުވަމުން އަންނަ އިރު، ފިލްމުގެ އާ ލަވައެއް އާންމުންނަށް ދޫކޮށްލައިފި އެވެ.

މިދިޔަ މަހު އާންމުކުރި "ކޭސަރިޔާ" އަށް ފަހު، ބެލުންތެރިންނަށް މިހާރު ދައްކައިލީ ރަންބީރް އަލިފާނާ ކުޅޭ މަންޒަރުތަކެއް ފެނިގެންދާ "ދޭވާ ދޭވާ" އެވެ. ހިތްގައިމު ވީއެފްއެކްސް އިން ފުރިހަމަކަން ގެނެސްފައިވާ މި ލަވަ އަކީ ޕްރިތަމްގެ މިއުޒިކަށް އަނެއްކާ ވެސް ހަމަ އަރިޖިތު ސިންގްގެ އިތުރުން ޖޮނީތާ ގާންދީ ކިޔާފައިވާ ލަވައެކެވެ.

އަޔާން މުކަރްޖީ ޑައިރެކްޓްކުރި "ބުރައްމަސްތުރާ: ޕާޓް ވަން: ޝިވާ" އަކީ ފެންޓަސީ އެޑްވެންޗަ ފިލްމެކެވެ. މީގައި ރަންބީރް ކުޅެފައިވާ ޝިވާގެ ކެރެކްޓާ އަކީ އާދަޔާހިލާފު ބާރުތަކެއް ލިބިފައިވާ މީހެއްގެ ރޯލެވެ. ފިލްމުގެ މައިގަނޑު ވާހަކަ ބިނާކޮށްފައި ވަނީ އިންޑިއާގެ ހިންދޫންގެ ތެރޭގައި ކިޔައިއުޅޭ ހުރާފީ ވާހަކަތަކުގައި ގެނެސްދީފައިވާ ކެރެކްޓާތަކަށެވެ.

ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން އަންނަ މަހުގެ 9 ގައި ސިނަމާތަކަށް ގެންނަން ހަމަޖެހިފައިވާ "ބުރައްމަސްތުރާ" އަކީ އެ ސްޓޫޑިއޯގެ ޓްރިލޮޖީއެއްގެ ފުރަތަމަ ބައެވެ.

މި ފިލްމު ބެލުންތެރިންނަށް ގެނެސްދޭ އިރު އާލިއާ އާއި ރަންބީރް ކައިވެނިކޮށް، ޒުވާން ބަތަލާ މިހާރު އިނީ އަލަތު ދަރިފުޅަށް ބަލިވެ އެވެ. އެހެންވެ މި ދެ ތަރިންގެ ކެމިސްޓްރީ ސްކްރީން ބަލައިލުމަކީ ފޭނުން އެންމެ ބޮޑަށް އިންތިޒާރުކުރާ އެއް ކަންތަކެވެ.

"ބުރައްމަސްތުރާ" އިން އަމީތާބް ބައްޗަނާއި މޯނީ ރޯއި އާއި ނާގުރްޖުނާ އަކިނޭނީގެ އިތުރުން ޑިމްޕަލް ކަޕާޑިއާ ވެސް ފެންނާނެ އެވެ.