Last Updated: March 29, 18:55
Friday, March 29, 2024
ވިޔަފާރި

ނެޓްފްލިކްސްގެ ގޭމްތަކަށް ތަރުހީބު ކުޑަ

ނެޓްފްލިކްސްގެ ސަބްސްކްރައިބަރުންނަށް އިތުރު ފީއަކާ ނުލައި ކުޅެވޭ ގޮތަށް މިދިޔަ ފަހުކޮޅު ތައާރަފުކުރި ގޭމިންގެ ހިދުމަތް ބޭނުންކުރާ މީހުން ނިސްބަތުން ވަރަށް މަދުކަން ހާމަވެއްޖެ އެވެ.

ޓެކް ޚަބަރުތައް ގެނެސްދޭ ބައެއް މީޑިއާތަކުން ބުނި ގޮތުގައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ކުރީކޮޅު ނެޓްފްލިކްސް ފަސް
ގޭމެއް ލޯންޗްކުރި ނަމަވެސް ސަބްސްކްރައިބަރުންގެ ތެރެއިން އެ ގޭމްތައް ދުވާލެއްގެ މައްޗަށް ކުޅޭ މީހުންގެ އަދަދަކީ ދުވާލަކަށް އެވްރެޖްކޮށް 1.7 މިލިއަނެވެ. އެއީ 221 މިލިއަން ސަބްސްކްރައިބަރުންގެ ގާތްގަނޑަކަށް ޕަސެންޓެކެވެ.

އެޕްޓޯޕިއާ އިން ބުނެފައިވާ ގޮތުގައި ނެޓްފްލިކްސް އިން ނޮވެމްބަރު 3، 2021 ގައި ގޭމްތަކެއް ލޯންޗްކުރި ފަހުން މިހާތަނަށް ގޭމްތައް ޑައުންލޯޑްކޮށްފައި ވަނީ 23.3 މިލިއަން ފަހަރު އެވެ.

ކުރިން ހީކުރި ވަރަށް ވުރެ ނެޓްފްލިކްސް ގޭމިން އަށް ލިބޭ ތަރުހީބު އަދި ތަންކޮޅެއް ފިނިކޮށް އޮތަސް މިއީ އަދި ޑިމާންޑެއް އޮންނާނެ ހިދުމަތެއް ކަމަށް އެ ކުންފުނިން ދެކެ އެވެ. އެހެންވެ މި އަހަރު ނިމުމުގެ ކުރިން މިހާރު ލިބެންހުރި ގޭމްތަކުގެ އަދަދު ދެ ގުނައަށް ޖައްސައި 50 އަށް އިތުރުކުރަން ނިންމާފައިވެ އެވެ.

މީގެ އިތުރުން ގޭމްތައް އިތުރުކުރުމުގެ ގޮތުން ގޭމްތައް އުފައްދާ އިންޑީ ތިން ސްޓޫޑިއޯއެއް ވެސް މި އަހަރު ގަނެފައިވެ އެވެ.

ނެޓްފްލިކްސް އިން ގޭމިންގެ ތެރެއަށް ވަންނަން ނިންމިކަން އިއުލާންކުރީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ. އަދި ވީޑިއޯ ގޭމްތައް އުފެއްދުމުގެ ތެރެއަށް ވަންނަން ނިންމީ އެ ދާއިރާގެ ތަޖުރިބާކާރުންތަކެއް ވެސް ކުންފުންޏަށް ގެނައުމަށް ފަހު އެވެ.

ދުނިޔޭގެ އެންމެ ގިނަ ބަޔަކު ބޭނުންކުރާ ސްޓްރީމިން ޕްލެޓްފޯމަށް މި އަހަރު ފެށުނު ފަހުން ވަނީ ބޮޑު ވެއްޓުމަކާ ކުރިމަތިލާން ޖެހިފަ އެވެ. އެގޮތުން މި އަހަރުގެ ތެރޭގައި މިލިއަނެއްހާ ސަބްސްކްރައިބަރުން ގެއްލިފައިވެ އެވެ.