Last Updated: April 26, 18:07
Friday, April 26, 2024
މުނިފޫހިފިލުވުން

ރާލިއާ ޗުއްޓީ އަށް އިޓަލީ އަށް

މިހާރު ބަލިވެއިން ބޮލީވުޑްގެ ބަތަލާ އާލިއާ ބަޓާއި ފިރިމީހާ ރަންބީރް ކަޕޫރް ޗުއްޓީ އަށް އިޓަލީ އަށް ގޮސްފި އެވެ.

އަންނަ މަހުގެ 9 ގައި ރިލީޒްކުރާ ދެ ތަރިން އެކީގައި ކުޅުނު ފުރަތަމަ ފިލްމު "ބުރައްމަސްތުރާ" ގެ ޕްރޮމޯޝަންތަކުގައި ވެސް ބިޒީކޮށް އުޅެމުން އިޓަލީ އަށް ކުރާ ޗުއްޓީ ދަތުރަށް ފަހު އެނބުރި މުމްބާއީ އަށް ދާ ގޮތަށް ހަމަޖެހިފައި ވަނީ މި މަހުގެ 14 ގައި ކަމަށް މީޑިއާތަކުން ބުންޏެވެ.

ފާހަގަކޮށްލެވޭ ކަމަކީ އެޕްރީލް 14 ގައި ކައިވެނިކުރި އާލިއާ އާއި ރަންބީރް މަސައްކަތުގައި ބިޒީކަމުން ހަނީމޫނަށްދާނެ ވަގުތެއް ވެސް ލިބިފައި ނުވާ ކަމެވެ. އަދި އާލިއާ ބަލިވެއިންކަން އިއުލާންކުރީ ޖޫން މަހުގެ 27 ގަ އެވެ. އޭރު އޭނަ އުޅުނީ ސޮއިކުރި ފުރަތމަަ ހޮލީވުޑްގެ ފިލްމު "ހާޓް އޮފް ސްޓޯން" ގެ ޝޫޓިންގައި އިނގިރޭސިވިލާތުގަ އެވެ. އެ ފިލްމުގެ ޝޫޓިން އަށް އާލިއާ މެއި މަހު ފުރައިގެން ދިޔައީ ކަރަން ޖޯހަރްގެ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގެ މަސައްކަތުގައި ވެސް އުޅެމުންނެވެ.

މި ދެ ފިލްމުގެ ޝޫޓިން ވެސް މިހާރު އޮތީ ނިމިފަ އެވެ. އެކަމަކު ކަރަންގެ ފިލްމުގެ ލަވައެއް އާލިއާ ވިހެއުމަށް ފަހު ޝޫޓްކުރާ ގޮތަށް އޮތީ ފަސްކޮށްފަ އެވެ.

ކައިވެނިކުރި ގޮތަށް ރަންބީރް ވެސް އުޅުނީ ދެ ފިލްމެއްގެ މަސައްކަތުގައި ވަރަށް ބިޒީކޮށެވެ. އެއީ އެޕްރީލް މަހުގެ ފަހުކޮޅު ޝޫޓިން ފެށި "އެނިމަލް" އާއި މިދިޔަ މަހުގެ 22 ގައި ރިލީޒްކުރި "ޝަމްޝޭރާ" ގެ ޕްރޮމޯޝަންތަކުގަ އެވެ.