Last Updated: April 26, 10:52
Friday, April 26, 2024
މުނިފޫހިފިލުވުން

ކައިވެންޏަށް އަދިވެސް ތައްޔާރެއް ނޫން: އަރުޖުން

އަރުޖުން ކަޕޫރާއި މަލައިކާ އަރޯރާ ރައްޓެހިވެގެން އުޅޭތާ މިހާރު ތިން އަހަރަށް ވުރެ ގިނަ ދުވަސްވީ ނަމަވެސް އަދިވެސް އޭނާ ކައިވެންޏަށް ތައްޔާރު ނޫން ކަމަށް ބުނެފި އެވެ.

މިރޭ 12:00 ގައި ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރީމިއާކުރާ "ކޮފީ ވިތު ކަރަން" ސީޒަން 7 ގައި ދެބޭންގެ ދެދަރި ސޯނަމް ކަޕޫރާ އެކީ ބައިވެރިވެ އަރުޖުން ވަނީގެ އޭނަގެ ލޯބީގެ ގުޅުމާ ބެހޭ ގޮތުން ބައެއް ވާހަކަތައް ކަރަންއާ ހިއްސާކޮށްފަ އެވެ. އަރުޖުން 37 ބުނި ގޮތުގައި އޭނަ އާއި މަލައިކާ، 47، ގެ ގުޅުން މިހާރު ސީރިއަސް ނަމަވެސް، ކައިވެންޏާ ދޭތެރޭ އަދިވެސް ސީރިއަސްއެއް ނޫނެވެ.

އަރުޖުން ބުނީ ކައިވެންޏަކާ ހަމައަށް ދިއުމުގެ ކުރިން އަމިއްލަ ނަފުސުގެ ހަޖަމެހުމާއި އުފާވެރި ކަމަކީ ވަރަށް ބޮޑަށް އިސްކަން ދެވޭ ކަމެއް ކަމަށެވެ. އަދި ކެރިއަރަށް ފޯކަސްކުރުމަކީ ވެސް ވަރަށް ބޭނުންވާ ކަމެއް ކަމަށް ބުންޏެވެ.

"އެންމެ ފުރަތަމަ ކަމަކަށް ބޭނުންވޭ އަހަރެންގެ އަމިއްލަ ނަފުސަށް ހަމަޖެހުން. އެއާ އެކީ ކެރިއަރު ވެސް ހަމައަކަށް އެޅުވުމަކީ ކުރަން ޖެހޭ ކަމެއް،" ޕްރޮޑިއުސަރު ބޯނީ ކަޕޫރްގެ ހަމައެކަނި ފިރިހެން ދަރިފުޅު ބުންޏެވެ. "އަހަރެން ގަބޫލުކުރާ ގޮތުގައި އެހެން މީހަކު އުފާކޮށް ދެވޭނީ ފުރަތަމަ ކަމަކަށް އެ މީހަކު އަމިއްލަ އަށް އުފާވެގެން. އެހެންވެ އެކަމަށް އަހަރެން ވަގުތު ބޭނުންވޭ. މި ދަނޑިވަޅުގައި ކެރިއަރަށް ވަރަށް ބޮޑަށް ފޯކަސްކުރަން ބޭނުން."

އަރުޖުން ބުނި ގޮތުގައި އޭނާ ރައްޓެހިވެގެން އުޅެނީ ކުރިން ކައިވެންޏެއްކޮށް، ދަރިޔަކު ވެސް ހުރި މީހަކާ ކަމަށްވާތީ އެފަދަ ގުޅުމަކަށް ބޭނުންވާ ކަންކަން އަމިއްލަ އަށް ވެސް އިހުސާސްވެ އެވެ. ސަބަބަކީ އޭނަ ވެސް ބޮޑުވީ އެ ކަހަލަ އާއިލާއެއްގެ ތެރޭގައި ކަމަށްވުމެވެ.

އަރުޖުންގެ ބައްޕަ ބޯނީ، މަޝްހޫރު ބަތަލާ ސްރީދޭވީއާ ކައިވެނިކުރީ މަންމަ މޯނާ ކަޕޫރާއި މުޅި އާއިލާގެ ވެސް ރުހުމެއް ނެތި އެވެ. އޭގެ ސަބަބުން އާއިލީ ގުޅުމަށް ވީ ގޮތް އަމިއްލަ އަށް އިހުސާސްކުރެވޭ ކަމަށް ބުންޏެވެ. ސްރީދޭވީ އާއި ބޯނީ އަށް ލިބިފައިވާ ދެ ކުދިންނަކީ ޖާންވީ ކަޕޫރާއި ހުޝީ ކަޕޫރެވެ. އަރުޖުންއާ އެއްބަނޑު އެއްބަފާ ހުންނަނީ އަންޝުލާ ކަޕޫރެވެ.

ބައްޕަ ދެވަނަ ކައިވެންޏެއް ކުރުމުން ވަރަށް ފަހަކާ ޖެހެންދެން ބޯނީ އާއި އަދި ސްރީދޭވީގެ ދަރިންނާއި އަރުޖުންއާ އެހާ ބޮޑު ގާތްކަމެއް ވެސް ނެތެވެ. އެ ގުޅުން ބަދަހިވާން ފެށީ 2018 ގައި ސްރީދޭވީ މަރުވި ފަހުންނެވެ. އަރުޖުންގެ މަންމަ މަރުވީ 2012 ގަ އެވެ.

އަރުޖުން ބުނި ގޮތުގައި މަލައިކާއާ ރައްޓެހިވުމުގެ ކުރިން އޭނަގެ ދަރިފުޅު އަރުހާން ޚާނާ ދޭތެރޭ ވެސް ވަރަށް ވިސްނި އެވެ. ސަބަބަކީ އެ ކުއްޖާ އޭނަ އަށް ދިމާވި ފަދަ ހާލަތެއްގައި ހުރި ކުއްޖަކަށްވުމެވެ. އަރުހާން، 19، ގެ ބައްޕަ އަކީ ސަލްމާން ޚާންގެ ކޮއްކޮ އަރުބާޒް ޚާނެވެ.

މަލައިކާ އާއި އަރުބާޒް 1998 ގައި ކުރި ކައިވެނި ރޫޅާލީ 2017 ގަ އެވެ.