Last Updated: April 25, 22:42
Thursday, April 25, 2024
ވިޔަފާރި

ސްޓްރީމިންގެ ރަސްކަން ޑިޒްނީ ޕްލަސް އަށް

ސްޓްރީމިންގެ ހިދުމަތުގައި ގިނަ އަހަރުތަކެއް ވަންދެން ރަސްކަންކުރަމުން އައި ނެޓްފްލިކްސް ފަހަތަށް ވައްޓާލައި ޑިޒްނީ ޕްލަސް ކުރި ހޯދައިފި އެވެ.

ގިނަ ބައެއްގެ ފެވަރިޓަކަށް މިހާރު ވެފައިވާ ޑިޒްނީ ޕްލަސް އަކީ ނޮވެމްބަރު 12، 2019 ގައި ލޯންޗްކުރި ހިދުމަތެކެވެ. އޭގެ ފަހުން އެ ޕްލެޓްފޯމްވެފައި ކޮންޓެންޓް މުއްސަނދި އަދި އިތުރަށް މުއްސަނދިކޮށް، ބެލުންތެރިންގެ ޝައުގުވެރިކަން އަތުލެވޭ ކަހަލަ އެތައް އުފެއްދުމެއް ގެނެސްދޭ އެއްޗަކަށެވެ. އަނެއްކޮޅުން ޑިޒްނީ ޕްލަސްއާ ހުލޫ އާއި އީއެސްޕީއެން ފަދަ ފްލެޓްފޯމްތައް ގުޅިފައިވުމަކީ ވެސް އޭގެ މަގުބޫލުކަން ކުރު މުއްދަތެއްގެ ތެރޭގައި ބޮޑުވެގެން ދިޔަ މުހިއްމު އެއް ސަބަބެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މިދިޔަ މަސް ނިމުނު އިރު، ޑިޒްނީ ޕްލަސްގެ ސަބްސްކްރައިބަރުންގެ އަދަދު 221.1 މިލިއަނަށް އަރާފައިވެ އެވެ. އެގޮތުން މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެކަނި ވެސް އަލަށް 14.4 މިލިއަން ސަބްސްކްރައިބަރުން އިތުރުވެފައިވެ އެވެ.

ސްޓްރީމިންގެ ހިދުމަތުގައި ނެޓްފްލިކްސް ދަމަހައްޓަމުން އައި މަގާމު ގެއްލުމުގެ އެންމެ ބޮޑު ސަބަބަކަށްވީ މި އަހަރުގެ މިހާތަނަށް އައި އިރު، އެ ބޭނުންކުރާ މީހުން ބޮޑުތަނުން މަދުވެ، މިލިއަނެއްހާ ކަސްޓަމަރުން ފެއަށް ޖެހުމެވެ. ނެޓްފްލިކްސްގެ ސަބްސްކްރައިބަރުންގެ އަދަދަކީ މިހާރު 220.6 މިލިއަނެވެ. އެކަމަކު އަހަރުގެ ބާކީ މިއޮތް މުއްދަތުގެ ތެރޭގައި ވެސް އިތުރު ސަބްސްކްރައިބަރުންތަކެއް ގެއްލޭނެ ކަމަށް ލަފާކޮށްފައިވެ އެވެ. ނެޓްފްލިކްސް ވުޖޫދަށް އައީ 1997 ގަ އެވެ.

މީޑިއާތަކުން ބުނީ ޑިޒްނީ ޕްލަސްގެ މަގުބޫލުކަން މިހާރު ވަރަށް ބޮޑަށް އިތުރުވަމުން އަންނާތީ މި އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އިޝްތިހާރުތައް އެކުލެވޭ އިތުރު ހިދުމަތެއް ވެސް ޑިޒްނީން އެމެރިކާ އަށް ލޯންޗްކުރަން ހަމަޖެހިފައިވާ ކަމަށެވެ.