Last Updated: April 26, 23:59
Friday, April 26, 2024
މުނިފޫހިފިލުވުން

ޑެޕް އާ ފިލްމުން ފެންނާނެ ގޮތް ދައްކާލައިފި

ކުރީގެ އަންހެނުން އަދި ބަތަލާ އެމްޑާ ހާޑް ކުރި ގެވެށިއަނިޔާގެ ތުހުމަތުތަކާ ގުޅިގެން ފިލްމީ ކެރިއަރަށް ލޮޅުން އެރި ހޮލީވުޑްގެ މަޝްހޫރު ތަރި ޖޯނީ ޑެޕް މި އަހަރުގެ ކުރީކޮޅު ސޮއިކުރި އާ ފިލްމުން އޭނާ ފެންނާނެ ގޮތް ދައްކާލައިފި އެވެ.

މި ފިލްމަކީ ފްރާންސްގެ ފިލްމެއް ކަމަށްވާ "ޖިއާން ޑޫ ބެރީ" އެވެ. މީގައި ޑެޕް ފެންނާނީ ފްރާންސްގެ ރަސްކަލެއް ކަމަށްވާ ލުއީ 15 ގެ ރޯލުންވެ. "ލުއީ ދަ ބިލަޑްވް" ގެ ނަމުން މަޝްހޫރުވި ލުއީ އަކީ 59 އަހަރު ވަންދެން ފްރާންސްގައި ރަސްކަންކުރި ރަސްކަލެކެވެ. އޭނަ އަށް ބިނާކޮށް ހަދާ ފިލްމުގައި ޑެޕް ފެންނާނެ ގޮތުގެ ފަސްޓްލުކް ދައްކައިލި އިރު، މި ޕީރިއަޑް ޑްރާމާގެ ޑައިރެކްޓަރަކީ ފްރާންސްގެ މެއިވެން އެވެ.

"ޖިއާން ޑޫ ބެރީ" ވާނީ އެމްބާކުރި ތުހުމަތުތަކާ ގުޅިގެން އޭނައާ ދެކޮޅަށް ޑެޕްކުރި ދައުވާ ކާމިޔާބުކުރެވުނު ފަހުން ޑެޕް ފެންނާނެ ފުރަތަމަ ފިލްމަށެވެ. މި ފިލްމު އަންނަ އަހަރު ސިނަމާތަކަށް ގެނައުމަށް ފަހު 2024 ގައި ނެޓްފްލިކްސް އަށް ދޫކޮށްލާނެ އެވެ.

"ޕައިރޭޓްސް އޮފް ދަ ކެރީބިއަން" ފަދަ ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ 59 އަހަރުގެ އެކްޓަރު އެންމެ ފަހުން ފެނިފައި ވަނީ އޭނާ ޕްރޮޑިއުސް ވެސް ކޮށް، ކުޅުނު 2020 ގެ "މިނަމާޓާ" އިންނެވެ. ހާޑްގެ ތުހުމަތަކާ ގުޅިގެން ޑެޕަށް ގެއްލުނު ޕްރޮޖެކްޓްތަކުގެ ތެރޭގައި މިދިޔަ އަހަރު ރިލީޒްކުރި "ފެންޓާސްޓިކް ބީސްޓް 3" އާއި "ޕައިރޭޓްސް އޮފް ދަ ކެރީބިއަން" ގެ ހަ ވަނަ ފިލްމު ހިމެނެ އެވެ.

އެކަމަކު ހާޑަށް ޑެޕްކުރި ދައުވާ ކާމިޔާބުވެ އޭނަގެ ކުށެއް ނެތްކަން ސާބިތުވުމުން ޑިޒްނީން އަލުން "ޕައިރޭޓްސް އޮފް ދަ ކެރީބިއަން" ފްރެންޗައިޒަށް ޑެޕް ގެންނަން މަސައްކަތްކުރާކަމުގެ އަޑުތަކެއް ވެސް އަރާފައިވެ އެވެ.