Last Updated: April 26, 10:52
Friday, April 26, 2024
ވިޔަފާރި

ޔޫޓިއުބް ވެސް ސްޓްރީމިން އަށް

ގިނަ ބަޔަކު މިހާރު ވެސް ތަފާތު އެކި ކަހަލަ ވީޑިއޯތައް ބަލަން ބަރޯސާވާ ޔޫޓިއުބުން ސްޓްރީމިން ހިދުމަތެއް ލޯންޗްކުރަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޓެކް ޚަބަރުތައް ގެނެސްދޭ ބައެއް މީޑިއާތަކުން ބުނި ގޮތުގައި އަންނަ މަހުގެ ތެރޭގައި ލޯންޗްކުރާނެ ކަމަށް ބެލެވޭ ޔޫޓިއުބްގެ ސްޓްރީމިން އަކީ އޭގެ އެޕް މެދުވެރިކޮށް ސަބްސްކްރައިބްކުރެވޭނެ އެއްޗެކެވެ. އަދި މިއަށް ދީފައިވާ ނަމަކީ "ޗެނެލް ސްޓޯރް" ކަމަށް ވޯލްޓްސްޓްރީޓް ޖާނަލް އިން ބުންޏެވެ.

ނަމަވެސް ގޫގުލްގެ ދަށުން ހިންގަމުން އަންނަ ޔޫޓިއުން އަދި މިކަމާ ބެހޭ ގޮތުން ރަސްމީކޮށް ވަކި އެއްޗެއް ހާމައެއްނުކުރެ އެވެ.

ބައެއް މީޑިއާތަކުން ބުނި ގޮތުގައި ޔޫޓިއުބުން ސްޓްރީމިންގެ ހިދުމަތަކަށް މަސައްކަތް ފެށީ 2020 ގެ ތެރޭގަ އެވެ. އަދި އޭރު އެކަމާ ބެހޭ ގޮތުން އެރި އަޑުތަކާ ގުޅިގެން ޔޫޓިއުބްގެ ޕްރޮޑަކްޓް މެޖޭމަންޓް ޑިވިޝަންގެ ވައިސް ޕްރެޒިޑެންޓް ކްރިސްޓިއަން އޮއިސްޓްލިން ވަނީ ސްޓްރީމިންގެ ހިދުމަތެއްގެ އިޝާރާތެއް ވެސް ދެއްވައިފަ އެވެ.

އޭނާ ވިދާޅުވެފައި ވަނީ ކޮންޓެންޓްތައް ޑިސްޓްރިބިއުޓްކުރުމުގައި ޔޫޓިއުބަކީ ވަރަށް ފަހި، ވަރަށް ރަނގަޅު ބައިވެރިޔަކަށް ވެދާނެ ކަމަށެވެ.

"އެހެންވީމަ އެފަދަ ވާދަވެރި ހިދުމަތަކަށް އޮތް ފުރުސަތު ބޮޑު ކަމަށް އަހަރެމެން ދެކެނީ." ކްރިސްޓިއަން ވިދާޅުވި އެވެ.

ޔޫޓިއުބަކީ 2005 ގައި ވުޖޫދަށް އައި ހިދުމަތެކެވެ. އަދި އެ ބޭނުންކުރާ މީހުންގެ އަދަދު 2.6 ބިލިއަނަށް އަރަ އެވެ.

ބޮޑު ވާދަވެރިކަމެއް އުފެދެމުން އަންނަ އަދި ގިނަ ކުންފުނިތަކަކުން މިހާރު ނުކުންނަމުން ވެސް އަންނަ ސްޓްރީމިންގެ ހިދުމަތުގައި މިހާރު އެންމެ ނަގާ ކުންފުނިތަކުގެ ތެރޭގައި ޑިޒްނީ ޕްލަސް، ނެޓްފްލިކްސް، އެމެޒޯން ޕްރައިމް ވީޑިއޯ އަދި އެޗްބީއޯ މެކްސް ފާހަގަކޮށްލެވެ އެވެ.